08 Aug 2013, 23:25
ގއ. ކޮލަމާފުށީ ދެ ނަމްބަރު ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިމާރާތުގެ ބޭރުގައި ރީނދޫ ކުލައިން ޖަރީކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ކައުންސިލް އިދާރާގެ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި ބަހައްޓާ ދެ ނަމްބަރު ވޯޓު ފޮށި ބަހައްޓަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތުގައި ކަމަށާއި އެތަން މިހާރު ވަނީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައި ކަމަށެވެ.
އޭނާ ވިދާޅުވީ އެތަނުގައި ދެ ނަމްބަރު ވޯޓު ފޮށި ބެހެއްޓުމަށް ފާސްކޮށްފައި ވަނީ އެ ރަށު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ ހަތަރު މެމްބަރުން ވޯޓުދެއްވައިގެން ކަމަށެވެ. ފަސް މެންބަރުންގެ ކައުންސިލްގައި ދެން ހުންނަވަނީ ޕީޕީއެމްގެ ކައުންސިލަރެކެވެ.
ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވާ އެ އިމާރާތު ވަށާފާރުގެ ބޭރާއި އެތެރެއާއި އަދި އިމާރާތުގެ އެތެރޭގައި ވެސް ރީނދޫ ކުލަ ލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ އިތުރުން އެ އިމާރާތް ކައިރީ އެމްޑީޕީގެ ދިދަތަކާއި ފޮތިތައް ދަމައި ޒީނަތްތެރިކޮށްފައިވާ ކަމަށެވެ.
"މިރަށުގައި ބަހައްޓާ ދެ ނަމްބަރު ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ އަންހެނުންގެ ކޮމެޓީގެ އިމަރާތެއްގައި. އެ އިމާރާތަކީ އެ ކޮމެޓީގެ ފަރާތަކުން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ތަނެއް. އެ އިމާރާތުގެ އެތެރޭގައި ވަނީ ރީނދޫ ކުލަ ލާފައި. އިމާރާތުގެ ވަށައިގެންވާ ފާރުގެ އެތެރެއާއި ބޭރުގައި ވެސް ވަނީ ރީނދޫ ކުލަ ލާފައި. ދެން އެ އިމާރާތްކައިރީ ވަނީ އެމްޑީޕީގެ ދިދަތަކާއި ފޮތިތައް ދަމައި ޒީނަތްތެރިކޮށްފައި،" ކައުންސިލް އިދާރާގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން އޮފީސް ހުންނަނީ އެ އިމާރާތާ ޖެހިގެން ކަމަށާއި އެތަނުގެ ގޯތީގެ ވަކި ހިސާބަކަށް ދިޔުމުން ކެމްޕޭން އޮފީހުގައި ތިބޭ މީހުންނާ ވާހަކަ ދައްކައި ހެދޭ ކަމަށެވެ.
ކޮލަމާފުށީގައި ބަހައްޓާ އެއް ނަމްބަރު ވޯޓުފޮށި ބަހައްޓަނީ އެރަށު ސްކޫލްގަ އެވެ.
ރީނދޫ ކުލައިން ޖަރީކޮށްފައިވާ ތަނެއްގައި ދެ ނަމްބަރު ވޯޓު ފޮށި ބަހައްޓާތީ އެ ރަށު ޕީޕީއެމް އަސްރުމާ ގޮފީގެ ފަރާތުން ވަނީ އެއް ނަމްބަރު ވޯޓު ފޮށި ސްކޫލްގައި ބެހެއްޓުމުގެ ބަދަލުގައި "ގައުމާއިގެން ކުރިއަށް ކޯލިޝަން"ގެ ޖަގަހައިގައި ބަހައްޓާ ގޮތަށް ހަމަޖައްސައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގައި އެދިފަ އެވެ. އެއީ ދެން އެފަދަ ވޯޓު ފޮެއްޓެއް ބެހެއްޓޭނެ އިމާރާތަކީ އެއީ ކަމަށްވާތީ ކަމަށް ވެސް އެ ގޮފިން ބުންޏެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކޮލަމާފުށީ ޕީޕީއެމް އަސްރުމާ ގޮފީގެ ރައީސް ޝިފާއުﷲ ސައީދު ވިދާޅުވީ ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ޖަގަހައިގައި އެއް ނަމްބަރު ވޯޓު ފޮށި ބަހައްޓައި ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް އެ ގޮފީގެ ފަރާތުން ސިޓީ ފޮނުވާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮލަމަފުށީ ކައުންސިލްގެ ރައީސް އަހްމަދު ޖަމީލު ވިދާޅުވީ ދެ ނަމްބަރު ވޯޓު ފޮށި ބަހައްޓަން ކަނޑައަޅާފައިވާ އިމާރަތުގެ އިންފާރުގައި ހުންނާނީ އޮރެންޖު ފާޑެއްގެ ކުލައެއްލާފައި ކަމަށެވެ. އަދި ވިދާޅުވީ އިމާރާތުގެ އެތެރޭގެ ފާރުތަކުގައި އެކަހަލަގެ ކުލައެއް ލާފައި ނުވާނެ ކަމަށެވެ.