ހުޅުމާލޭގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ މީހާ ހޯދުމަށް އެ މީހާ ކަމަށް ޝައްކު ކުރެވޭ މީހާގެ "ސްކެޗެއް" އާއްމުކޮށްފި އެވެ.

ފުލުހުން މިރޭ އާންމު ކުރި ބަޔާނެއްގައި ބުނީ، މިދިޔަ ހޮނިހިރު ދުވަހު ހެނދުނު 09:30 އެހާކަންހާއިރު ހުޅުމާލޭ ގަސްތަކުގެ ތެރޭގައި އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވެނީ އިސްކޮޅުން ގާތްގަނޑަކަށް ފަސް ފޫޓް ހަތް އިންޗި ހުންނަ މީހެއް ކަމަށާއި އޭނާގެ ބޮލުގެ އިސްތަށިގަނޑު އޭރު ހުރީ ތުނިކޮށް ކޮށާފައި ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އެ ދުވަހު އެ އަމަލު ހިންގުމަށް ފަހު އެ ދުވަހުގެ ހެނދުނު 10:00ގެ ފެރީން ހުޅުމާލެއިން މާލެ ދަތުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާގެ ކަނާތު ޝަހާދަތް އިނގިލި ވަރަށް ބޮޑަށް ޒަޚަމްވެފައި ހުރި ކަމަށާއި އޭނާ ލައިގެން އެ ދުވަހު ހުރީ އަޅިކުލައަކަށްދާ ގަމީހަކާއި އަޅިކުލަކައަކަށްދާ ފަޓުލޫނެއް ކަމަށެވެ.

އެމައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1600 އަށް ވުރެ ގިނަ މީހުން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނާ ހިއްސާކުރައްވަން ބޭނުންވާ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަވިސްގެ 3322111 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓްގެ ނަންބަރު 9911099 ފޯނާ ގުޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.