މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ޒިކުރާ މިސްކިތަށް އަރައި، ސަޖިދައަށްގޮސް ތެދުނުވެވި އޮތް ކަމަށް ތުހުމަތުކޮށް، ފުލުހުން މިރޭ އޭނާ ހައްޔަރުކޮށްފި އެވެ.

މަޖީދީމަގާއި ޗާނދަނީމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތި ސަރަހައްދުގައި ހުންނަ ޒިކުރާ މިސްކިތަށް މަސްތުވެގެން ހުރި މީހަކު އެރި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމުން ފުލުހުން މިސްކިތަށް ގޮސް އޭނާ ހައްޔަރު ކުރީ މިރޭ 7:00 އެހާކަންހާއިރު އެވެ.

މަންޒަރުދުށް މީހުން ބުނީ "މަސްތުވެގެން ހުރި މީހާ" މިސްކިތުގައި އިންނަތާ ވަރަށް ގިނައިރު ވެއްޖެ ކަމަށާއި މިސްކިތުގައި އިނދެ، "ސަޖިދަކުރުން ނޫން އެހެން ކަމެއް އޭނާ ނުކުރާ" ކަމަށެވެ. އަދި އޭނާ އަށް "ރަނގަޅަށް ލޯ ވެސް ނުހުޅުވޭ" ކަމަށް ވެސް މަންޒަރުދުއް މީހަކު ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މަސްތުވެގެން ހުރި ކަމަށް ޝައްކުކުރެވޭ މީހަކު މިސްކިތުގައި ހުއްޓާ މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމާ ބެހޭ ތަފްސީލެއް ވެސް އަދި އެނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެ އެވެ.