08 Aug 2013, 18:57
ރަމަޟާން މަހާއި، ރޯދައާއި ފިޠުރު ޢީދާ ބެހޭގޮތުން އަނަސްބިން މާލިކު ރަޟިޔަﷲ އަންހުގެ އަރިހުން ވަރަށް ދިގު ރިވާޔަތެއް ނަޤުލުވެފައިވެއެވެ. އެރިވާޔަތުގެ ބައެއްގައިވެއެވެ.
"ޢީދު ދުވަސް އައުމުން ޔަޢުނީ ފިޠުރު ޢީދު ދުވަސް އައުމުން، އަރަހުށި މާތްﷲ މަލާއިކަތުންގެ ކުރިފުޅު މަތީގައި ރޯދަވެރި އަޅުތަކުންނާ މެދު ފަޚުރުވެރިވެ ވޮޑިގަންނަވައެވެ. އެކަލާނގެ ވަޙީކުރައްވައެވެ. އޭ ތިމަންﷲ ގެ މަލާއިކަތުންނޭވެ! މިބައިމީހުންނަށް ދެއްވާނެ ދަރުމައަކީ ކޮބައިހެއްޔެވެ؟ އެއުރެންވަނީ ތިމަންﷲ ގެ އަޅުކަން ފުރިހަމަކޮށްފައެވެ. މަލާއިކަތުން ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އެއުރެންގެ އުޖޫރައަކީ އެއުރެން ކުރި ޢަމަލަށް ފުރިހަމަ ބަދަލު ދެއްވުމެވެ.
މާތްﷲ ވަޙީ އިއްވަވާނެތެވެ. ތިމަންﷲ ގެ މަލާއިކަތުންނޭވެ! ތިމަންﷲ ގެ އަޅުތަކުން ވަނީ ތިމަންﷲ އެއުރެންގެ މައްޗަށް ފަރުޟުކުރެއްވި ކަންތައް ފުރިހަމަކޮށްފައެވެ. އެއުރެން އެކަންތަން ފުރިހަމަކުރީ ތިމަންﷲ އަށް ދުޢާކުރުމާއެކު ތިމަންﷲ ގެ ހަޟުރަތުން އެދެމުންނެވެ. ތިމަންﷲ އިއްޒަތްވަންތަކަމާއި، ގަދަކީރިތިވަންތަކަމާއި، ދީލަތިވަންތަކަމާއި، ދަރަޖަމަތިވެރިވަންތަ ކަމާއި، މަތިވެރި މަޤާމު ގަންދެއްވައި ވަޙީކުރައްވަމެވެ. ތިމަންﷲ އެއުރެންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. އެއަށްފަހު ވަހީކުރައްވާނެތެވެ. ތިޔަބައިމީހުން އެނބުރި ހިނގައިދާށެވެ. ތިމަންﷲ ތިޔަބައިމީހުންގެ ފާފަފުއްސަވައިފީމެވެ. ތިޔަބައިމީހުންގެ ކުށްތައް ހެޔޮކަމަށް ބަދަލުކުރައްވައިފީމެވެ. އެހިނދު ރޯދަވެރީން އެނބުރިދާނީ އެބައިމީހުންގެ ފާފަތައް ފޮހެވިގެންވާ ޙާލުގައެވެ."
ރަމަޟާން މަސް ނިމުމަށްފަހު ފިޠުރު ޢީދުދުވަސް އަންނަނީ މުއުމިނުންނަށް ނުހަނުބޮޑު އުފާވެރިކަމުގެ ޚަބަރަކާއިގެންނެވެ. އެއީ ދާއިމީ އިނާމެއްގެ އުފާވެރި ޚަބަރެވެ. އެމަތިވެރި އިނާމުގެ ޙައްޤުވެރިންނަކީ ރަމަޟާން މަހުގެ ރޯދަހިފުން އެދެވެގިންވާ ގޮތުގެމަތީން ރޯދަހިފުމުގެ ޒަރީޢާއިން ތިމައުރެންނީ އެއިނާމުގެ ޙައްޤުވެރީން ކަމުގައި ވެގަތްމީހުންނެވެ.