12 Nov 2010, 08:51
އެމްއެންޑީއެފުން އަސްލު ވަޒަން ބޭނުންކޮށްގެން އަސްކަރީ ޚާއްޞަ ހަރަކާތްތަކެއް ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލައިފި އެވެ.
"ވިދުވަރު އެކަތައިގެ" ނަމުގައި ލޮނުޒިޔާރަތްކޮޅުގައި އިއްޔެ ބޭއްވި މި ހަރަކާތުގައި ސިފައިންގެ އެކި ހުނަރުތަކާއި، ހަތިޔާރާއި އަދި އަސްކަރީ އުޅަނދުތައް ދައްކާލި އެވެ.
މި ހަރަކާތުގެ ޝައުގުވެރި ބައިތައް ފެށިގެން ދިޔައީ މޫދުން ދަތުރުކުރަމުންދިޔަ ސްޕީޑް ބޯޓަކުން ސިފައިން ކަނޑަށް ފުންމުމަށް ފަހު، އެމީހުން ފަތާފައި އެއްގަމަށް އެރި ހިސާބުންނެވެ. އެއްގަމަށް އެރުމަށް ފަހު އެ މައިދާނުގައި ތައްޔާރުކޮށްފައިހުރި ގެއެއްގައި ރަހީނުކޮށްފައިތިބި ބަޔަކު ސަލާމަތްކުރާނެ ގޮތުގެ ހުނަރުތައް ސިފައިން ދައްކާލި އެވެ.
އެއަށް ފަހު، އެމްއެންޑީއެފްގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ހަތިޔާރުތަކާއި ގޮވާތަކެއްޗާއި އަދި ކޯސްޓްގާޑު އުޅަނދުތަކުގެ އަސްކަރީ ބާރު ދައްކުވައިދިނުމުގެ ގޮތުން ބަޑިޖެހުން އޮތެވެ. އެގޮތުން ސިފައިން ބޭނުންކުރާ ބައެއް ހަތިޔާރުތަކުގެ ތެރޭގައި ހިމެނޭ ބެޓޭލިއަން ސަޕޯޓް ވެޕަންތަކާއި، ހެވީ މެޝިން ގަންތަކާއި ބައެއް އަސްކަރީ ވެހިކަލްތަކުގައި ހަރުކުރާ އެންޑި އެއާރކްރާފްޓް ބަޑިތަކުގެ އިތުރުން އެއްގަމުގައާއި ކަނޑުގައި ބޭނުންކުރެވޭ މޯޓަރ ބަޑިއާއި އަސްކަރީ ޓޭންކުފަދަ ތަކެއްޗަށް ހަމަލާދޭ އާރުޕީޖީ އަދި 84 އެމްއެމް ކާލްގުސްތާފް ފަދަ ހަތިޔާރުތަކުން ވަޒަން ފޮނުވާލާ މަންޒަރު ދައްކާލި އެވެ. އަދި ސިފައިން ބޭނުންކުރާ ބައެއް އަސްކަރީ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ބީއެމްޕީއާއި ކޯބްރާ ވެހިކަލްފަދަ އެއްގަމު އުޅަނދުތައްވެސް ދައްކާލާފައިވެ އެވެ.
ވަކިވަކިން ހުރިހާ ހަތިޔާރުތަކަކުން ބަޑިޖަހާ މަންޒަރު ދައްކާލުމަށް ފަހު ދެން ފެނިގެންދިޔައީ ހުރިހާ ހަތިޔާރުތަކެއް އެއްފަހަރާއި ބޭނުންކޮށްގެން ހަމަލާއެއް ދޭނެގޮތުގެ މަންޒަރެވެ.
މި ހަރަކާތް ޝަރަފްވެރިކޮށްދެއްވީ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު އެވެ.