ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދަށް ދައުލަތުން ދޫކޮށްފައިވާ ސިމްކާޑުން އެހެން ނަމްބަރަކަށް ފައިސާ ޓްރާންސްފާ ކުރި މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ ނަންމަތީގައި ނަގާފައިވާ މޯބައިލް ނަންބަރުން އަމިއްލަ ބޭނުންތަކަށް އަލީ ހަމީދު ބޭނުން ކުރައްވާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވޭ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަލީ ހަމީދު ބޭނުންކުރުމަށް ހަވާލުކޮށްފައިވާ މޯބައިލް ނަމްބަރުން 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޭޕްރީލް މަހާ ދެމެދު އެހެން ނަމްބަރުތަކަށް 2,223ރ. ޓްރާންސްފާ ކޮށްފައިވާކަން އަލީ ހަމީދު ތަހުގީގަށް ދީފައިވާ ބަޔާނުން އެނގޭ ކަމަށެވެ.

އޭނާގެ ދެ ކުއްޖެއްގެ މޯބައިލް ފޯނު ނަމްބަރަށް ފައިސާ ޓްރާންސްފާކޮށްފައިވާނެ ކަމަށާއި އެ ފައިސާ މިހާރު ދައްކަވާފައިވާ ކަމަށް އަލީ ހަމީދު ވިދާޅުވި ނަމަވެސް އެ ފައިސާ އޭނާ ދައްކަވާފައި ވަނީ އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމުގެ ޚަބަރުތައް މީޑިއާގައި ފެތުރެންފެށުމާ ގުޅިގެން ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަލީ ހަމީދާ ސުޕްރީމް ކޯޓުން ހަވާލުކޮށްފައިވާ އެ ކޯޓުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ސިމަކީ އޮފީހުން ބޭރުގައި ހުންނަވާއިރު ބޭނުންކުރެއްވުމަށް ޓަކައި ފެސިލިޓީއެއްގެ ގޮތުން ސުޕްރީމް ކޯޓުން ބިލް ދައްކާގޮތަށް ހަވާލުކޮށްފައިވާ ސިމެއްކަމަށާއި އެފަދަ ސިމަކުން އެހެން ނަންބަރުތަކަށް ފައިސާ ޓްރާންސްފާ ކުރުމަކީ ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާ އަށް ބޭނުންކުރުން ކަމަށް ތަހުގީގަށް ފާހަގަކުރެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ގާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު)ގެ 25 ވަނަ މާއްދާގެ (ހ)ގެ ދެ ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، ގާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު)ގެ 14 ވަނަ މާއްދާގެ (ހ)ގެ ދަށުން ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ސ. ހުޅުދޫ، ގާޑަން، އަލީ ހަމީދު މުހައްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފަ އެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.