08 Aug 2013, 16:56
ތިލަފުށީ ބިންހިއްކުމުގެ މަސައްކަތް ފެށުމަށް ތިލަފުށީ ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އިން ހެވީލޯޑް މޯލްޑިވްސް އަށް 61.7 މިލިއަން ރުފިޔާ ދީފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު ހަވާލުކުރި މަޝްރޫއާ ބެހޭ ގޮތުން ބުނެފައި ވަނީ އެޑްވާންސް ފައިސާ ދެ ޕޭމަންޓަކަށް ބަހާލައިގެން ދެއްކި އިރު އެއީ ކޮށްފައިވާ މަސައްކަތްތަކަށް ދިން ފައިސާކަން ޔަގީންކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެޑްވާންސް ފައިސާގެ ގޮތުގައި ފުރަތަމަ ދީފައި ވަނީ 38.8 މިލިއަން ރުފިޔާ އެވެ. އަދި އޭގެ ފަހުން 23 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެޑްވާންސް ފައިސާގެ އިތުރުން ހެވީލޯޑުން ތިލަފުށީ ކޯޕަރޭޝަނަށް ކޮށްފައިވާ ކަމަށް ބުނާ 19،927،385 ރުފިޔާގެ ބިލްގެ ތެރެއިން 16،927،385 ރުފިޔާ ނުދައްކައި އެބައޮތް ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ނުވަނީ އެއީ ކޮށްފައިވާ މަސައްކަތް ކަމަށް ޔަގީންކުރެވިފައި ނުވާތީ ކަމަށް ބުނެފައިވެ އެވެ.
އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއު ފެށުމުގެ ގޮތުން 38.8 މިލިއަން ރުފިޔާ ދައްކަން އެއްބަސްވެ އޭގެ ތެރެއިން 23 މިލިއަން ނުދައްކާ އޮތްއިރު އެޑްވާންސްގެ ގޮތުގައި ޖުމްލަ 61.9 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އަދި ލިބިފައިވާ ހެކިތަކަށް ބަލާ އިރު އަދި ވެސް 38.8 މިލިއަން ރުފިޔާ ހެވީލޯޑަށް ދޭން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 208.5 މިލިއަން ރުފިޔާ އަށް ކަަމަށް ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މަސައްކަތް އޭސީސީން ހުއްޓުވާފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ހިމެނޭތީ ކަމަށް ތުހުމަތުކުރެވިގެންނެވެ. އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އިސްވެރިންގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.