08 Aug 2013, 16:21
އުފަންވި އިރު މޫނުމަތީގައި އާދަޔާއި ޚިލާފު ލަފެއް ހުރި ތުއްތު ކުއްޖާގެ ބޭސްފަރުވާ އަށް އެހީތެރިވެ ދިނުމަށް ފުލުހުން ވެދީފައިވާ ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީގެ ފައިސާ ތުއްތު ކުއްޖާގެ ބައްޕައާ ހަވާލުކޮށްފި އެވެ.
މިކަމަށްޓަކައި ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި މިއަދު 11:30 އެހައިކަންހާއިރު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ވެދީފައިވާ އެހީގެ ފައިސާ ތުއްތު ކުއްޖާގެ ބައްޕައާއި ހަވާލު ކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ތުއްތު ކުއްޖާގެ ބޭސްފަރުވާ އަށް އެހީތެރިވުމުގެ ގޮތުން 178057.07ރ. ވަނީ ތުއްތު ކުއްޖާގެ ބައްޕައާ ހަވާލުކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އެ ތުއްތު ކުއްޖާގެ ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ހިނގާކަމަށް ގަބޫލުފުޅު ކުރައްވާކަމަށާއި ފުލުހުންގެ ފަރާތުން މިއަދު މި ވެދިން އެހީތެރިކަމަކީ ބޭސްފަރުވާއަށް ވެދެވުނު ވަރަށް ކުޑަ އެހީތެރިކަމެއްކަށެވެ.
ރިޔާޒު ވިދާޅުވީ ތުއްތު ކުއްޖާއަށް ބޭސްފަރުވާ ކުރެވި އަވަސް ޝިފާއެއް މިންރުކޮށްދެއްވުމަށް ފުލުހުންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފުލުހުންގެ އާއިލާތަކުގެ ނަމުގައި އެދޭކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތުއްތު ކުއްޖާގެ ބައްޕަ އަހުމަދު ޝަރީފް ވަނީ ފުލުހުންގެ ފަރާތުން މިފަދަ އެހީތެރިކަމެއް ލިބިފައިވާތީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު އަށާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ އެންމެހާ ފުލުހުންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.