ޤާހިރާ (އޮގަސްޓް 8): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި ކުރިޔަށް ގެންދާ މުޒާހަރާތަކާއި އިޙްތިޖާޖްތައް ބާރުގެ ބޭނުންކޮށްގެން ނަމަވެސް ނިމުމަކަށް ގެންނާނެ ކަމަށާ މިކަމުގައި ދެން ދޫނުދޭނެ ކަމަށް މިސްރުގެ ވަގުތީ ބޮޑުވަޒީރު ޙާޒިމް އަލްބިބްލާވީ ވިދާޅުވެއްޖެ އެވެ.

ބިބްލާވީ ވިދާޅުވީ މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައިތިބެ ހިންގަމުން ގެންދަނީ މިސްރުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރުކަށި އިޙްތިޖާޖްތަކެއް ކަމަށާ މިކަން ހުއްޓުވުމުގެ ވަގުތު މިހާރު އަތުވެއްޖެ ކަމުގައެވެ. މިސްރުގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާއި ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރާ ދެމެދު ސުލްޙަ ޤާއިމް ކުރުމަށް އެމެރިކާ އާއި ޔޫރަޕްގެ އިއްތިޙާދާ އަދި ޢަރަބި ބައެއް ގައުމުތަކުގެމަންދޫބުން ކުރިޔަށް ގެންދެވި ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވިކަން މިސްރުގެރިޔާސަތުން އިއްލާންކޮށްފައިވަނިކޮށެވެ.

މިސްރުގެ ވަގުތީ ސަރުކާރުން މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ އިޙްތިޖާޖްތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ އިރު މުރުސީއަށް ތާއީދުކުރާ މީހުންގެ ތެރެއިން 130 އަށް ވުރެ ގިނަ މީހުން މަރާލައި ހާހެއްހާ މީހުން ޒަޚަމްކޮށްލިކަމުގެ ތުހުމަތާއި މުރުސީ ވަގަށްނެގި ކަމުގެ ތުހުމަތު ވަނީ ވަގުތީ ސަރުކާރުގެ މައްޗަށް ކުރެވިފަ އެވެ.

މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދަނީ ސުލްޙަވެރި އިޙްތިޖާޖް ތަކެއް ކަމަށް އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ބުނި ނަމަވެސް މިސްރުގެ ވަގުތީ ސަރުކާރުން ބުނަނީ މިއީ ސުލްޙަވެރި އިޙްތިޖާޖްތަކެއް ނޫންކަމަށާ މިއިޙްތިޖާޖްތަކުގައި ހަރުކަށި އަމަލުތައް ހިންގައި މީހުންނަށް އަނިޔާކޮށް ތަކެއްޗަށް ގެއްލުންދީ ޤަނޫނާ ޚިލާފު ޢަމަލުތައް ހިންގަމުން ގެންދާ ކަމުގަ އެވެ. (އަލްޖަޒީރާ)