08 Aug 2013, 12:02
އަންނަ މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ފޯރި ގަދަވަމުން ދިޔަ ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އަގު ވައްޓާލުމަށް މަސައްކަތް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިލްތިމާސްކުރައްވައިފި އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެނދުނު ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ޑރ. ވަހީދު ދެއްވި ހިތާބުގައި ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފޯރިގަދަވި ނަމަވެސް މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު ވެސް އަޅުގަނޑުމެންގެ މެދުގައި ފިތުނަފަސާދަ އުފެދޭ ކަންކަން، އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން. ޙަގީގަތާ ޚިލާފު ދޮގު މަޢުލޫމާތުތައް ފަތުރައި، އެއްބަޔަކު އަނެއް ބައެއްގެ އަގު ވައްޓާލުމަށް މަސައްކަތްކޮށްގެން ނުވާނެ. މިއީ ޑިމޮކްރަސީގެ އުޞޫލެއް ނޫން. ޑިމޮކްރަސީގެ އުޞޫލަކީ، އިންތިޚާބުގައި ވާދަކުރައްވާ ފަރާތްތަކުންނާއި އެ ފަރާތްތަކަށް ތާއީދު ކުރައްވާ ފަރާތްތަކުން ވެސް ރީތި ނަމޫނާ ދެއްކެވުން،" ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހަބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް ޓަކައި ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަން ފާހަގަ ކުރައްވައި އެ މަނިކުފާނު ވިދާޅުވީ މި އިންތިޚާބަކީ އިންޞާފުވެރި މިނިވަން އިންތިހާބެއްކަން ސާބިތުކޮށްދިނުމަށް ޓަކައި، ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދަވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބު މޮނިޓާ ކުރެއްވުމަށް ޓަކައި ބޭރުގެ ގައުމުތަކުންނާއި ޖަމާޢަތްތަކުން މަންދޫބުން ވަޑައިގަންނަވާ ގޮތަށް ހަމަޖެހުމަކީ މި އިންތިޚާބަކީ އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށްވެގެން ދާނެ ކަމަށެވެ.
ފިޠުރުޢީދު ދުވަހާ ގުޅިގެން މިއަދު ރައީސް ދެއްވި ހިތާބުގައި މިއަދަކީ ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ ދުވަސް ކަން ފާހަގަ ކުރައްވާ އާއިލާތަކުގެ މެދުގައި އޮންނަންވާ ލޯތްބާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޢަޒުމް ކަނޑައެޅުމަށް ގޮވާލެއްވި އެވެ.
ހަމަ އެހެންމެ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް ޓަކައި އަދި ރައްޔިތުންގެ ފައިދާއަށް ޓަކައި ތަފާތު އެތައް މަޝްރޫޢުތަކަކާއި މަސައްކަތްތަކެއް އެކިކަންކޮޅުތަކުގައި މިއަދު ހިނގަމުންދާ ކަމަށާއި އެކަންކަން އެކަށީގެންވާ ބާރުމިނުގައި ކުރިއަށް ގެންދެވޭނީ، އެންމެންގެ މެދުގައި އެއްބާރުލުން އޮވެގެން ކަމުގައި ވިދާޅުވި އެވެ.
"ރާއްޖެ ކުރިއަށް ގެންދަންވީ ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނީ، އަމިއްލަ މަޞްލަޙަތަށް ވުރެ، ޤައުމީ މަޞްލަޙަތު އިސްކޮށްގެން. ޤައުމާއިގެން ކުރިއަށް ދެވޭނީ، އެންމެން އަތުގުޅާލައިގެން މަސައްކަތް ކޮށްގެން. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް، އަޅުގަނޑުމެން ދާން ބޭނުންވާ ހަލުވިމިނެއްގައި ކުރިއަކަށް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
މިއަދު ރައީސް ވަހީދުގެ ދެމަފިރިކަނބަލުން ވަނީ އީދު ސަލާމް ކުރައްވައިފަ އެވެ. މިއަދު ހެނދުނު ބޭއްވި އީދު ސަލާމް ކުރުން އޮތީ މުލިއާގޭގޭގަ އެވެ.