ރ. ހުޅުދުއްފާރުން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިފައި ވަނީ އެރަށު އޮމާރި އުމުރުން 40 އަހަރުގެ އަހްމަދު ހަމީދު، ކަމަށެވެ.

ޒުބައިރު ވިދާޅުވީ އަހްމަދު ހަމީދު ގެއްލިގެން އުޅޭ ކަމަށް އޭނާގެ އާއިލާގެ ފަރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ހެނދުނު ކުރި މަސައްކަތުން އޭނާ ފެނިފައި ހެނދުނު 8:25 އެހައިކަންހާއިރު ކަމަށެވެ.

އޭނާ މަރުވެފައި ވަނީ މޫދަށް އެރެން އުޅެނިކޮށް ހިއްކިތަން ހިމާޔަތްކުރަން ޖަހާފައި ހުރި ބޮޑު ހިލައިގެ ތޮށިގަނޑުގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ޒުބައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޭ 9:00ގައި އެ ރަށު ބަނދަރުގައި އެމްޑީޕީގެ ދިދައެއް ޖެހުމުގެ މަސައްކަތުގައި އޭނާ ހަރަކާތްތެރިވި ކަމަށާއި ދަންވަރު 1:00ގައި މަސައްކަތް ނިމުނު އިރު ގެޔަށްދާނީ މޫދަށް އެރުމަށްފަހުގައި ކަމަށް އަހްމަދު ހަމީދު ބުނެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރޭ އޭނާ ގެޔަށް ނުދިޔަ ނަމަވެސް އޭނާ ގެއްލުނުކަމެއް އާއިލާއަށް ފާހަގަކުރެވުނީ ހެނދުނު ކަމަށެވެ.

އަހްމަދު ހަމީދު ފެނުނު އިރު އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެންގޮސް ލޭ ފޭދިފައި ހުރިކަމަށް ވެސް ޒުބައިރު ވިދާޅިވި އެވެ.

ޒުބައިޒު ވިދާޅުވީ އަހްމަދު ހަމީދު އަކީ ޅ. ފެލިވަރުގައި ޑްރައިވަރެއްގެ ވަޒީފައި އުޅޭ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އަހުމަދު ހަމީދު ނިޔާވި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.