08 Aug 2013, 09:54
ގއ. ވިލިނގިލީގައި ހަތަރު އަހަރު ދަރިފުޅު ކުރިމަތީގައި މަންމަޔަކަށް ބޮޑެތި އަނިޔާތަކެއްދީ ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
އަނބިމީހާ އަށް އަނިޔާކޮށްގެން ހައްޔަރު ކުރީ ވިލިނގިލީ، ވާދީގެ، އަހުމަދު މުއީދު، 33، އެވެ. އެ މީހާ ހައްޔަރު ކުރީ އޭނާގެ އަނބިމީހާއަށް ލިބިފައިވާ ޒަހަމްތަކަށް ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ފަހުންނެވެ. ނަމަވެސް ފުލުހުން ފުރަތަމަ ވަނީ އޭނާ ވިލިނގިލީ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް ބަޔާން ނެގުމަށް ފަހު ދޫކޮށްލާފަ އެވެ. ނަމަވެސް އާއިލާއިން ފުލުހުންނަށް ޝަކުވާތަކެއް ހުށަހެޅުމުން ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އޭނާ ހައްޔަރު ކުރި އެވެ.
އަންހެން މީހާގެ ކޮއްކޮއަކު "ސަން"އަށް ކިޔައިދިން ގޮތުގައި އޭނާގެ ދައްތައަށް އެ މީހާ އަނިޔާ ކުރަމުންދާތާ އެތައް ދުވަހެއްވެއްޖެ އެވެ. އެ އަނިޔާތައް ކުރަމުންދަނީ ދައްތަގެ ހަތަރު އަހަރުގެ ދަރިފުޅުގެ ކުރިމަތީގައި ކަމަށް ވެސް އޭނާ ބުންޏެވެ. ރޭ ދިން އަނިޔާތަކުގެ ސަބަބުން ދައްތަގެ އަނގަޔާއި ނޭފަތުން ލޭ އަންނަމުންދާ ކަމަށާއި ރޭ ހޮސްޕިޓަލަށް ގެންދިޔަ އިރު ވާހަކަ ވެސް ނުދެއްކޭ ކަމަށާއި ހަށިގަނޑުގެ އެކި ދިމާލުން ނޫފައިގެންފައި ބައެއް ތަންތަނުން ލޭ އަންނަމުންދާ ކަމަށް އަންހެން މީހާގެ ކޮއްކޮ ބުންޏެވެ. އަދި ބުނީ ދައްތަގެ ދަރިފުޅު ބިރުން ރޭ ނުވެސް ނިދާ ކަމަށެވެ.
"ދައްތަޔަށް ކުރިން އޮތީ މަންމަގެން ގެއަށް ދިއުން މަނާ ވެސް ކޮށްފައި. ގެއިން ބޭރަށް ނުކުތުން ވެސް އޮތީ މަނާކޮށްފައި. އެކި ކަންކަމާ ޒުވާބުކޮށްފައި ދަރިފުޅު ކުރިމަތީގައި މި ހުރިހާ އަނިޔާއެއް މި ކުރަނީ. ޒަހަމްވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ފަހުން މިހުރިހާ ވާހަކަތަކެއް މި ކިޔައިދިނީ ވެސް،" ނަން ނުޖެހުމަށް ޝަރުތުކޮށް އަންހެން މީހާގެ ކޮއްކޮށް ބުންޏެވެ.
ފުލުހުން ބުނީ އަނބިމީހާ އަށް އަނިޔާކޮށްގެން ވިލިނގިލިން ރޭ މީހަކު ހައްޔަރު ކުރި ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ފަހު ބަޔާން ނަގައި ފުރަތަމަ ދޫކޮށްލީ "އާއިލީ" ކަމަކަށް ވާތީ ކަމަށެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އޭނާ ހައްޔަރު ކުރީ އޭނާގެ އަނބިމީހާ އަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ލިބުމުން، ގެވެށި އަނިޔާގެ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ސަން" އެނގިފައިވާ ގޮތުގައި އަނބިމީހާ އަށް އަނިޔާކޮށްގެން ވިލިނގިލިން ރޭ ހައްޔަރު ކުރި މީހާގެ އަލަތު ކައިވެނި ރޫޅުނީ ވެސް އޭރުގެ އަނބިމީހާއަށް އަނިޔާކުރާތީ އެވެ. އަދި އެ މައްސަލަ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރިކަމަށް ވެސްވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މުއީދު އަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.