08 Aug 2013, 00:35
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. ހަސަން ސައީދަށް ތާއިދު ކުރައްވަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހިމް ނިންމަވައިފި އެވެ.
މިދިޔަ މަހު ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް އިލްޔާސް ވަނީ "ޖުމްހޫރީ ގުޅުމުގެ" އިސްވެރިންގެ ބައްދަލުވުމެއްގައި މިރޭ ބައިވެރިވެވަޑައިގެންފަ އެވެ. ގާސިމާއި ޑރ. ހަސަންގެ އިތުރުން އުމަރު ނަސީރާއި އަލާތުގެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސައިންއާއެކު އިލްޔާސް ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތާ ބެހޭ ގޮތުން އިލްޔާސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
ގާސިމްގެ ތަރުޖަމާން އިބްރާހީމް ހަލީލު މިރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިލްޔާސް ތާއިދު ކުރައްވާނީ ގާސިމާއި ޑރ. ހަސަނަށް ކަމަށާއި "ޖުމްހޫރީ ގުޅުމުގެ" ކެމްޕޭންތަކުގައި އިލްޔާސް ރަސްމީކޮށް ވަރަށް އަވަހަށް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.