07 Aug 2013, 23:20
(03 އޯގަސްޓްގެ އަދަދާއި ގުޅޭ)
ގޭގެ ރަނގަބީލު ޖަހާލި އަޑާއެކު އިޔަންގެ އަތުތެރޭގައި ޒޯހާ ހޭދަކުރި ރީތި ވަގުތުކޮޅު ނިމުމަކަށް އަތުވެއްޖެއެވެ. އަވަސް އަވަހަށް ދުރަށް ޖެހިގެންފައި ފުރަތަމަވެސް ޝޯލް ރީތިކޮށްލެވުނެވެ. ބައްދަލުވީއްސުރެ އޭނާ އަދި އިޔަންގެ ކުރިމަތީ ޝޯލްއެއް ނުނަގައެވެ. އިޔަން ބަލައިލިއިރު ޒޯހާ ހުރީ އިސްޖަހާލައިގެން އަތުގެ އިނގިލިތަކާ ކުޅޭށެވެ. އިޔަން އެއްޗެއް ބުނަން އުޅެފައިވެސް ދެވަނަ ފަހަރަށް ރަނގަބީލް އަޑު އައުމުން އެދިމާއަށް ދިޔައެވެ.
ކަރުދާސްކޮތަޅެއް ދެއަތުން ހިފައި މެއާއި ހަމައިގައި ޖައްސާލައިގެން ހެވިލާފައި ހުރީ މައިކަލްގެ ލޯބިވެރިޔާ ނަވަލްއެވެ. ފުރަތަމަ ނަޒަރުން ޒޯހާ ހައިރާންކޮށްލީ ނަވަލްގެ ސިފައެވެ. ބަލާބެލުމަށް ރާއްޖެ ކުއްޖަކާއި އެއްވެސް ތަފާތެއް ނެތެވެ. ކަޅު އިސްތަށިގަނޑަކާއި ކަޅުކުލަގަދަ ދެލޮލެވެ. ކުލަ ދޮންވެފައި ރާއްޖެ އަންހެން ކުދީން ފަދައިން މާ އިސްކޮޅުން ދިގެއް ނޫނެވެ. މައިކަލް ފަހަތުގައި ހުއްޓިލައިގެން ހުރިއިރު ދެމީހުންގެ ހަމުގެ ކުލައާއި އިސްކޮޅު ތަފާތު ނަމަވެސް މާ ނުގުޅެއެއް ނޫނެވެ. އިޔަންއަށް ތަންދެއްކުމުން ނަވަލް އަތުގައި ހުރި ކޮތަޅު މައިކަލް އަށް ދީފައި ކުރިއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު "ގުޑް ޓު ސީ ޔޫ" އޭ ކިޔާފައި އިޔަންގެ ގައިގައި ބައްދައިލުމުން ޒޯހާއަށް ހުރެވުނީ ލޯބޮޑުކޮށްލައިގެންނެވެ. ނަވަލް ލައިގެން ހުރި ކުރު ހެދުންކޮޅުވެސް ޒޯހާއަށް އުދަނގޫ ކުރުވިއެވެ. ކަކުލާއި ހަމައަށް އަންނަ ހެދުމާއިއެކު ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ.
"އަހަންނަކީ ނަވަލް." ނަވަލް އަތުގައި ހުރި ކޮތަޅު މޭޒުމަތީ ބަހައްޓާފައި ޒޯހާގެ ކައިރިއަށް އައިސް ދިވެހި ބަހުން ބުނެލިއެވެ. "ޒޯހާ." ޒޯހާ އަދިވެސް ހުރީ ފާޑަކަށް ގަބުވެފައެވެ." ނަވަލް އަކީ މައިކަލްގެ ވައިފް. އަދި އަހަރުމެން ފަދައިން ރާއްޖެ ކުއްޖެއް." އިޔަން އާއި މައިކަލް ކޮނޑަށް އަތް ވައްޓާލައިގެން އައިސް ނަވަލްގެ ތައާރަފް ޒޯހާއަށް ދިނީ އިޔަންއެވެ. ޒޯހާ ހައިރާންކަމުގައި ދެވަނަ ނަޒަރެއް ދިނުމުން ނަވަލް ބޯ ޖަހާލައިފައި އެއީ ތެދެއްކަން އަންގައިލި އިރު ހުރީ ނުހަނު ބޮޑަށް ހިނިތުންވެފައެވެ.
މައިކަލްމެން އައީ ދުވަހުގެ ބާކީބައި އެގޭގައި ހޭދަ ކުރާ ގޮތަށް ޕްރޮގްރާމް ރާވައިގެންނެވެ. އެކަމަކު އިޔަން އާއި ޒޯހާގެ ގުޅުން އަދިވެސް މުޅިން ހަމައަކަށް ނޭޅޭތީ ބޭނުންވާ ގޮތަށް ކުރިއަށް ދާނެ ކަމާއިމެދު ޝައްކުވިއެވެ. އެއްގޮތަކުން ބަލާއިރު އެހެން ބައެއްގެ ހާޟިރުގައި ވިސްނައިގެން އުޅެން ޒޯހާއަށް މަޖުބޫރުވާނެއެވެ. ނުރުހުނަސް ރުހޭކަން ދައްކަން ޖެހޭނެއެވެ.
ކުޑައިރުކޮޅެއް ފަހުން މައިކަލްގެ ކާރުގައި ހަތަރު މީހުން ވިޔަފާރި ކުރަން ދިޔައީ ކުއީންސްޓައުންގެ މަޝްހޫރު ޝޮޕިން މޯލްއަކަށެވެ. އިމާރާތް އުސްވެފައި ހައިބަތު ރަނގަޅުކަމުން ޒޯހާ ހުރީ އަޖައިބުވެފައެވެ. އެހާ މީހުން ގިނައެވެ. އަދި ގިނަ އަދަދަކަށް ޓޫރިސްޓުން ވެސް މޯލްގެ އެކި ހިސާބުން ފެނުނެވެ. ނަވަލްއަށް ޒޯހާގެ ކުލަވަރު އެނގިގެން ކަންނޭނގެއެވެ. ޝޮޕިންގެ ވަގުތުގައި އެންމެ އިރުކޮޅަކަށް ވެސް އަތުން ދޫކޮށްނުލައެވެ. އިޔަންގެ ފަރާތުން ޒޯހާ މާލެއިން އެކައްޗެއް ވެސް ނުގެންނަކަން އެނގިގެން ނަވަލް ޒޯހާ ގޮވައިގެން ގޮސްބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްދިނެވެ. ތަންކޮޅެއް ދުރުގައި އިޔަން އާއި މައިކަލް މޯބައިލް ފޯންތަކެއް ބަލަން ތިއްބެވެ. އިޔަން ޒޯހާއަށް ހަދިޔާ ކުރަން ފޯނެއް ގަނެފައި ބަލައިލި އިރު ނަވަލް އާއި ދެ އަންހެންކުދީން އާދެއެވެ.
އެނބުރި ގެއަށް އައިސް ނަވަލް އާއި ދެކުދީން ނަމާދު ކުރީ ޒޯހާގެ ކޮޓަރީގައެވެ. ނަވަލްގެ ފަރާތުން ޤިބްލަ ހުންނަ ދިމާ އޮޅުން ފިލުމުން ޒޯހާއަށް ފަސޭހަވިއެވެ. ނަމާދު ދޮޅިއާއި އެއްޗެހި ނުގެނެވުނަސް އަންނަމުން ދުބާއީގައި މަޑުކުރި ރޭ އިޔަން ގަނެދިން އަބެޔާ ހެދުންތަކާއި ޝޯލް ހުއްޓެވެ. "ޒޯހާ ޝޯލް އަޅައިގެން ހުއްޓާ ފެންނާތީ އަހަރެންވެސް ޝޯލް އަޅާ ހިތްވެއްޖެ." ނަވަލް ނަމާދުކޮށް ނިމިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ޝޯލް ރީތި ކުރަން ފެށިއެވެ. "ހެހެ...ރަނގަޅުވާނެ. އަސްލު މާރީތި ނަވަލް މިހާރު." ޒޯހާ ބަލަން ހުރެފައި ހީލިއެވެ. "އަންނާނަން މައިކަލްއަށް ދައްކާލައިފަ." ނަވަލް ދުވެލާފައި ގޮސް ކޮޓަރިން ނިކުތެވެ.
ހަވީރު ސައިބޮއިގެން ނަވަލްމެން ދާންވެގެން ނިކުތްއިރު ފަހަތުގައި އިޔަން އާއި ޒޯހާ ހުއްޓެވެ. ދޮރާއި ހަމައިން ނަވަލް އެނބުރިލައިފައި ޒޯހާގެ ގައިގައި ބައްދައިލީ ގާތް އެކުވެރިއެއް ފަދައިންނެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް އެދެމެދުގައި ގާތްކަން އުފެދުނީ މިޒާޖުވެސް އެއްގޮތް ކަމުން ކަންނޭނގެއެވެ. ފުރަތަމަ ޖެހިލުންވި ނަމަވެސް އެހާއިރު ވީ އިރު ޒޯހާ މައިކަލްވެސް ބަލައިގެންފިއެވެ.
"ޒޯހާ!" ދޮރު ލައްޕާފައި ދެމީހުން އެތެރެއަށް ދަމުން އިޔަން ގޮވައިލިއެވެ. "ތޭންކްސް." ޒޯހާ ބަލައިލުމުން އިޔަން ބުނެލިއެވެ. "ކީއްވެ؟" ޒޯހާ ހައިރާންވެފައި ސުވާލު ކުރިއެވެ. "އަހަރެންގެ ފްރެންޑުންނާއި މެދު ޒޯހާ ތިހާ ރަނގަޅަށް ކަންތައް ކުރީމަ. އެމީހުން ވަރަށް އުފާވާނެ." އިޔަންގެ ޖަވާބު އަހާފައި ޒޯހާ ހިނިތުންވެލިއެވެ. "ޒޯހާ!" ބަދިގެއަށް ވަންނަން އުޅެނިކޮށް އިޔަން އަނެއްކާ ގޮވައިލިއެވެ. "އަމް... ޒޯހާ އަހަރެން އަހާލަން ބޭނުމީ... އާ ވީ އޯކޭ؟" އިޔަން ކުޑަކޮށް ބޯ ހޫރައިލިއެވެ. އިޔަން އެ އިޝާރާތް ކުރަނީ މައިކަލްމެން އައުމުގެ ކުރީން ހިނގި ގައިގޯޅި ވަގުތު ކޮޅަށްކަން ޒޯހާ ދެނެގަތެވެ. "ނޭނގެ." ޒޯހާ އިސްޖަހާލައިފިއެވެ. އިޔަން އިތުރު އެއްޗެއް ނުބުނެ ގޮސް ސޯފާގައި ޖައްސައިލުމުން ޒޯހާ ބަދިގެއަށް ވަދެ ސާފު ކުރަން ފެށިއެވެ. ނަވަލް އާއިއެކު ހަވީރު ސައި ތައްޔާރު ކުރަން އުޅުނުއިރު ހަޑިވެފައި ހުރި ބައެއް ތަށިތައް ހުއްޓެވެ. ޒޯހާ މަސައްކަތް ނިންމާފައި ނިކުންނަން އުޅެނިކޮށް ހުޅުވާފައިވާ ކުޑަދޮރުން ބޭރުތެރެ ފެނުމުން ސިއްސައިގެން ގޮސް ހަޅޭއްލަވައި ގަނެވުނެވެ. އެއަޑަށް އިޔަން ދުވަމުން އައެވެ.
"އިޔަން! ބަލާބަ ބޭރު މިހާރު އެއޮތް ހަތެއް ޖަހަނީ. އަދިވެސް އިރުގެ އަލިކަން އެބަހުރި." ޒޯހާ މޭގައި އަތް އަޅާލައިގެން ބޭރުބަލަން ހުރެފައި ވާހަކަދެއްކިއެވެ. "އިޓްސް އޯކޭ. ހޫނު މޫސުމުގައި މިތާގައި ނައިން ވަންދެން ވެސް އިރުގެ އަލިކަން ހުންނަ ދުވަސް އަންނާނެ." އިޔަން ލުއި ހީލުމަކާއެކު އޮޅުންފިލުވައި ދިނެވެ. "ސީރިއަސްކޮށްތަ؟.." ޒޯހާ ސީރިއަސް ނަޒަރަކުން ބަލާލަމުން ސުވާލު ކޮށްލިއެވެ. "މިކަހަލަ ކިތައް އަޖައިބު މިތަނުން ފެންނާނެ؟" އިޔަން ޖަވާބު ދިންފަހުން ޒޯހާ ނިކުންނަން އަންނަމުން އިތުރަށް އެހިއެވެ. ޒޯހާ ޝައުޤުވެރިވެފައިވާތަން ފެނިގެން އިޔަންވެސް ކިޔައިދޭން ބޭނުންވިއެވެ. "ގަސްގަހުގަ އެއްވެސް ވަރަކަށް ފަތް ނުހުންނަ ދުވަސްވަރު އަންނާނެ. ފިނި މޫސުމުގަ ސްނޯވެސް ފައިބާނެ..." އިޔަންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޒޯހާ މެދުކަނޑާލީ ސްނޯ ފައިބާހޭ ސުވާލުކޮށްފައެވެ އިޔަން ބަލައިލިއިރު ޒޯހާ ޅަކުއްޖެއްހެން ހެވިފައި ހުއްޓެވެ.
ދެޒުވާނުން ވާހަކައިގައި ގޮސް ޓީވީ ހުޅުވާލައިފައި އެއިން އަންނަމުން ދިޔަ ފިލްމެއް ބަލަން ފެށިއެވެ. އިޔަން ފަދައިން ޒޯހާވެސް ހިސާބަކަށް ޝައުޤުވެރިވެފައި އިންދައި ކުއްލިއަކަށް ގައިގޯޅި މަންޒަރެއް ފެނިގެން ދިއުމުން ޒޯހާއަށް ބަލައިލެވުނީ އިޔަންގެ މޫނަށެވެ. އެވަގުތު އިޔަންގެ ނަޒަރުވެސް އޭނާއަށް ހުއްޓިފައިވާތަން ފެނިގެން ވަގުތުން އެމޫނު ރަތްވިއެވެ. ޒޯހާ ތެޅިގެންފައި އެތަނުން ދާންވެގެން ތެދުވިތަނުން އިޔަން އަތުގައި ހިފެހެއްޓުމުން ކުރިއަށްވުރެ ބޮޑަށް ސިހޭގޮތްވިއެވެ.
"އިޔަން!" ޒޯހާ އަތްފޮޅުވާލަން އުޅެ ނާކާމިޔާބު ވުމުން އާދޭހާއެކު ގޮވައިލިއެވެ. "އިށީންދެބަލަ ޒޯހާ. އަހަރެން ވާހަކަ ދައްކަން ބޭނުން." އިޔަން އެއަތަށް ދަމައިލާފައި ޓީވީ ނިއްވައިލުމުން ޒޯހާ ތުންފަތުގައި ދަތް އަޅާލައިގެން ހުރެފައި އެންމެފަހުން އިށީންދެއްޖެއެވެ. "ޒޯހާ އަހަންނަކީ ވަރަށް ކެތްތެރިކަން ކުޑަ މީހަކީން. އެކަމަކު އެނގޭ މިހުރިހާ ކަމެއް ފިގަރއައުޓް ކުރަން ޒޯހާއަށް ވަގުތު ބޭނުންވާނެކަން. އެހާވެސް ކުއްލި ގޮތަކަށް ކަންތައްތައް ހިނގާފައި މިވަނީ. އަހަރެންވެސް ފަހުރުވެރިއެއް ނުވަން އަހަންނަށް ކަންތައް ކުރެވިފައިވާ ގޮތާއިމެދު. އެންމެ ފުރަތަމަ އަހަރެން ޒޯހާއަށް އިތުބާރު ނުކުރިކަން އެއީ މިއަދު އަހަރެންގެ އެންމެ ބޮޑު ރިގްރެޓް. ބިލީވް މީ ޒޯހާ މިގޮތަށް ޒޯހާގެ ލޯބިވާ މީހުންނާއި ވަކިކޮށްގެން ގެނެސް ދިރިއުޅުމެއް ފަށާކަށް އަހަރެންވެސް ޕްލޭންއެއް ނުކުރަން. އެކަމަކު...ޒޯހާއަށް އެނގެއެއްނު އަހަރެން މިގޮތަށް ކަންތައް ކުރީ ކީއްވެކަން. ޒޯހާ އަހަރެން ހަމައެކަނި ބޭނުންވަނީ ތީ އަހަރެންގެ ހައްޤަކަށް ހަދަން. އައި ވޯނަ މެރީ ޔޫ ބޭބީ ގާރލް." އިޔަންގެ ޖުމްލަ ނިންމައިލާފައި އަތަށް ފިތައިލުމުން ޒޯހާ އެދިގު އެސްފިޔަތައް އުފުލައިލިއެވެ.
އިޔަންއަށް ފެނުނީ އެކަޅުކުލަ ދެލޮލަށް ޖަމާވެފައިވާ ސާފު ކަރުނަތަކެވެ. ކައިވެނީގެ ވާހަކަ އިވިގެން ދޮން މޫނު އުޖާލާވެގެން ދިޔަ ގޮތެވެ. ކޯތާފަތަށް ޖަންބު ކުލަ އަރައި އިހުނަށްވުރެ ރީތިކަން އިތުރުވިތަނެވެ. ވަގުތުން އެނާޒުކް ދޮން މޫނުގައި ބޮސްދޭން އިޔަންގެ ހިތް ތެޅިގަތެވެ. ތުނި ހަށިގަނޑު ގެނެސް މޭގައި ޖައްސާލަން ރޫހުވެސް ގޮވައިލިއެވެ.
"އަހަރެން ވިސްނާނަން ތިކަމާ." ޒޯހާ ހިތުގައި އަތް އަޅާފައި ޖަޒްބާތުތައް ކޮންޓްރޯލް ކުރިއެވެ. އެޖަވާބު އިވިގެން އިޔަންއަށް ކުޑަ މާޔޫސްކަމެއް ލިބުނު ނަމަވެސް އުންމީދުގެ ދޯދިތައް ހިތް އުޖާލާ ކޮށްދިނެވެ. ޒޯހާ އެވަގުތު އަވަހަށް ފުންމައިގެން ތެދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ޝޯލް ނަގަން ހުރެގެން މޫނު ބަލާ ލޯގަނޑަށް ޒޯހާ ބެލިއެވެ. އަދި ލޮލުގައި ގިނަވެފައިވާ ކަރުނަތައްވެސް ރީތިކޮށް އޭނާ ދުށްޓެވެ. އިޔަން ކައިވެނީގެ ވާހަކަ ބުނުމުން ހިތް އުފަލުން ފުންމައިގެން ކަމާއިމެދު ޒޯހާ ދެކޮޅެއް ނުހަދައެވެ. އަދި ވަގުތުން އެސުވާލަށް ޖަވާބުދޭން ބޭނުންވި އެވެ. އެހެނަސް ދޫ އޭނާގެ ހިތާއި އެއްބައި ނުވީއެވެ. "ބިރުގަންނަނީ ކޮން ކަމަކާ ހެއްޔެވެ؟
ޒޯހާ ސުވާލު ކުރީ އަމިއްލަ ހިތާއެވެ. އިތުރަށް އޭނާ މިދުނިޔޭން ބޭނުން ވަނީ ކޯއްޗެއް ހެއްޔެވެ؟ ވެދިޔަ ކަންތައް ނިމުނީއެވެ. އިތުރަށް ކިތަންމެ ދުވަހެއް ވާންދެން އެމާޒީގައި ހިފައިގެން ދެމިއަސް އެކަންކަން ބަދަލެއް ނުވާނެއެވެ. އިޔަންވެސް އެއީ އިންސާނަކަށް ވީތީ ބަލިކަށި ވަގުތުތައް އަންނާނެއެވެ. އެފަދަ ބަލިކަށި ވަގުތެއްގައި އޭނާ ޒޯހާގެ ކައިވެންޏަކީ ބޭވަފާތެރިކަން ކަމުގައި ބަލައި ދޫކޮށްލީއެވެ.
ކުއީންސްޓައުންގައި ހަފްތާއެއް ވޭތުވެގެން ދިޔައިރު އިޔަން އާއި ޒޯހާގެ ގުޅުން ރަނގަޅު ވަމުން އަންނަތަން ފެނުނެވެ. ގިނަ ވަގުތު އެކުގައި އުޅެން ޖެހުމުން ދެމީހުންގެ މެދުގައި ވާހަކަ ދެކެވެއެވެ. ބޮޑު ވާހަކަތަކެއް ނޫނެވެ. އެކަމަކު އާދައިގެ ވާހަކަތަކެވެ. އާޒިމްގެ އަންބެއްގެ މަޤާމުގައި ހޭދަ ކުރި ދުވަސްތަކުގެ ހަޤީޤަތްވެސް ޒޯހާ ދެތިން ދުވަހެއްގެ މަތީން އަމިއްލައަށް ފަށައިގެން ކިޔައިދިނެވެ. "އެހެންވިއްޔާ ޒޯހާއަށް އެކަކުވެސް އަނިޔާ ކުރިތަ އެގޭގައި އުޅުނުއިރު؟" އިޔަން މާކުރިއްސުރެ އިވިފައިވާ ވާހަކަ ޔަޤީންކުރަން ބޭނުންވެގެން އެހިއެވެ. އެސުވާލުން ޒޯހާ ސިހުނުކަން އިޔަން ފާހަގަ ކުރިއެވެ.
"ހެހެ..ތީ ކާކު ދެއްކި ވާހަކައެއް؟" ޒޯހާ ނޫންކަމަށް ހެދިފައި ހީގަތެވެ. "ޒޯހާ! އަހަންނަށް ދޮގު ނުހަދާ ބުނެބަލަ. އެކަކުވެސް އަނިޔާ ކުރިތަ؟ ކިހިނެއް ހެދީ؟" އިޔަން ކައިރިވެލައިފައި ދެކޮނޑުގައި ހިފައިލުމުން ޒޯހާއަށް އިސް އޮބައިލެވުނެވެ. ލޮލުން ކަރުނަ އައީ ޒޯހާގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އެކަމަކު ކަރުނަތައް ފާޅުވުމުގެ ކުރީން ސިއްރުން ފުހެ ނުލެވުނީ އިޔަން ކުއްލިއަކަށް ހިފެހެއްޓީމައެވެ. "ޒޯހާ އަހަންނަށް ސިއްރު ނުކުރޭ!" އިޔަން އާދޭސްކުރިވަރުން ޒޯހާ އެއްބަސްވިއެވެ. "އާޒިމްގެ ކޮއްކޮއެއް ހުންނާނެ އަމަން ކިޔާ. އޭނަ ހަފްތާއަކަށް ޗުއްޓީ އައިސް ހުރި ދުވަސްކޮޅެއްގަ އެއްރޭ އަހަރެންގެ ކޮޓަރިއަށް ވަދެ ގަދަކަމުން..." ޒޯހާގެ ޖުމްލަ ނުނިމެނީސް އިޔަން އެއަތަށް ބާރުކޮށްލިވަރުން ކުއްލިއަކަށް ހުއްޓާލެވުނެވެ.
ޒޯހާ ބަލައިލިއިރު އިޔަން ހުރީ ރުޅި ގަދަވެފައެވެ. އެސާފު ދެލޮލުން ރުޅި އާއިއެކުވެސް ކަރުނަ ފެންނަން ހުއްޓެވެ. އިޔަންއަށް އަސަރު ކޮށްފައިވާ މިންވަރު ފެނިގެން ޒޯހާގެ ހިތަށްވެސް އޭގެ ބާރު ކުރިއެވެ. "ނަސީބަކުން އޭނަގެ މަޤްސަދު ހާސިލް ނުވަނީސް އާޒިމްއަށް އަޑު އިވިގެން އައީ. އެ ނޫނީ އެކަކުވެސް އަހަންނަށް އަނިޔާއެއް ނުކުރޭ. އާޒިމް އަނިޔާ ކުރެއޭ ކިޔައިގެން މީހުން ވާހަކަ ހެދިކަން އިނގޭ. އެކަމަކު އޭނަ އަހަރެންގެ ގައިގަ އަތެއް ނުލާ." ޒޯހާ އަވަސް އަވަހަށް ކިޔައިދިން ގޮތުން އިޔަންގެ ރުޅި މައިތިރިކުރަން ބޭނުންވެފައިވާ މިންވަރު ހާމަވިއެވެ. "ހައު ޑެއަރ ހީ؟" ޒޯހާ ވާހަކަތައް ނިންމައިލި ފަހުންވެސް އިޔަން ބުނެލީ އެހެންނެވެ. ދުރުބަލަން ހުރެފައި ބާރުބާރަށް ގޮސް ފާރުގައި ގޮށްމުށުގެ ދެތިން ބޮނޑިއެއް އަޅާލިތަން ފެނިގެން ޒޯހާ ބިރުގަތެވެ. އިޔަން ހުއްޓުނީ ޒޯހާ ބާރަކަށް ދުވެލާފައި ގޮސް ފަހަތުގައި ހުއްޓިފައި އިޔަންގެ ބަނޑާއި ހިސާބުގައި ދެއަތުން ވަށައިލި ފަހުންނެވެ.
"އިޔަން އައެމް ސޯ ސޮރީ. އިޔަންއަށް ތިހާ އަސަރު ކުރާނެކަން އިނގުނުނަމަ އަހަރެން މިވާހަކަތައް ދުވަހަކުވެސް ފާޅެއް ނުކުރީމުސް." ޒޯހާ އަސަރާއެކު ވާހަކަދެއްކިއެވެ. އެއަޑަށް އިޔަން ޒޯހާގެ ދެއަތް ނައްޓުވާލައިފައި އެނބުރުނުއިރު ހުރީ މައިތިރިވެފައެވެ. "ނޫން. ނޫން ޒޯހާ. އަހަންނަށް އިނގެން ޖެހޭ ވާހަކައެއް މީ. އަހަރެން ބޭނުމެއް ނުވޭ ޒޯހާ އަހަރެންނަށް އެއްވެސް ކަމެއް ސިއްރު ކުރާކަށް." އިޔަން ޒޯހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިފައި ހަތަރުކަޅި ހަމަކޮށްލިއެވެ. ހުޅުވާފައިވާ ކުޑަދޮރުން ވަދެގެން އައި ލުއި ވައިރޯޅިއެއް ޒޯހާގެ އިސްތަށިގަނޑާއި ސަމާސަ ކޮށްލާފައި ބައެއް އިސްތަށިތައް މޫނުމައްޗަށް ފަތުރުވާލީ އެވަގުތުއެވެ. އެއިސްތަށިތައް ދުރުކޮށްލުމަށްޓަކައި އިޔަންގެ އިނގިލިތައް ހަރަކާތް ކުރުމުގެ ތެރޭގައި ޒޯހާގެ މޫނުގައި ބީހުނެވެ.
ފިއްސަކުން ހާކައިލުމުން ކުލަ އަރައިގެން ދާހެން އެކޯތާފަތް ރަތްވެގެން ދިޔަތަން ފެނުމުން އިޔަން ބޭނުންވީ އަދިވެސް ބީހިލާށެވެ. ގިނަ ދުވަސްތަކަކަށް ފަހު އެހާކައިރިން ބަލައިލަން ލިބުމުން މޫނުގެ ހުރިހާ ގުނަވަނަކަށް ކަޅި ހުއްޓައިގެން ބެލުނެވެ. ދެވަނަ އަށް އައި ވައިރޯޅި ދެމީހުންގެ މޫނުގައި ބީހިލާފައި ދިޔަ ފަހުން އިޔަން ކުރިއަށްވުރެ ކައިރިވެލިއެވެ. ހިތުގައި އޮތީ ކޯއްޗެއް ކަމެއް ނޭނގުނަސް އެހަރާކާތާއި ގުޅިގެން ޒޯހާގެ ދެލޯ އިޔަންއަށް ދިނީ ފެހި ސިގްނަލެކެވެ. އިޔަންއަށް މިކުރެވެނީ ކީއްކަން އިހްސާސްވީ ޒޯހާގެ ދެއަތުން ބުރަކަށީގައި ނިކަން ބާރަށް ހިފަހައްޓައިލުމުންނެވެ.
ތެޅިގެންފައި އަވަހަށް ދުރަށް ޖެހިލެވުނެވެ. ޒޯހާ އިސްޖަހައިލިއިރު ތުންފަތް ރަތްވެފައިވާ ވަރު ފާހަގަ ކުރެވިގެން އިޔަންއަށް ބޮލުގެ އިސްތަށިގަނޑަށް އިނިގިލިތައް މަހައިލެވުނެވެ. އެވަގުތު ޒޯހާ ދުއްވައިގެން އަޑު އިވިގެން ބަލައިލިއިރު ކޮޓަރިއާއި ދިމާއަށް ދަނީއެވެ. "ޒޯހާ!" އިޔަންއަށް ގޮވައިލެވުނެވެ. އެއަޑަށް ޒޯހާ އެނބުރި ބަލާލައިފައި ރަކިގޮތަކަށް ހީލިތަން ފެނިގެން އިޔަންގެ ހިތަށް ލިބުނު ހައިރާންކަމާއިއެކު އުފާވެސް ވިއެވެ. ޒޯހާ މޫނުގައި އެއް އަތް އަޅާލައިގެން ހުރެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން އިޔަންގެ ދެފައި އެދިމާއަށް ގެންދިޔައީ ދަގަތްފާނު ކޮޅަކަށް ދަމާފައިދިޔަ ދަގަނޑު ފަދައިންނެވެ.