07 Aug 2013, 23:19
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕާޓީ އެމްޑީޕީގެ ތައުލީމީ ސިޔާސަތުގައި ވެވަޑައިގަންނަވާފައިވާ ވައުދުތަކަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުގެ ޔޫތު ސްޕޯކްސްޕާސަން މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ނަޝީދަކީ ފެއިލުވެފައިވާ ބޭފުޅެއް ކަމަށާއި ވާހަކަފުޅު ދައްކަވާ ކޮންމެ ފަހަރަކު އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމަށެވެ. އަދި ނަޝީދުގެ ސަރުކާރުގެ ކަންތައްތައް ހިނގާފައިވާ ގޮތުން ލަދުގަންނަން ޖެހޭ ކަމަށާއި ނަޝީދު ސަރުކާރުގެ ގާބިލުކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"މި ބޭފުޅާގެ [މުހައްމަދު ނަޝީދު] ސަރުކާރުގެ ކަންތައްތައް ހިނގާފައި ހުރި ގޮތަށް ބަލާ އިރު އަޅުނގަޑުމެން ލަދުގަންނަ ގޮތަކަށް އެބޭފުޅާގެ ސަރުކާރުގެ ކަންތައްތައް ހިނގާފައި މިހުރީ. މި ބޭފުޅާގެ ތިން އަހަރުވީ ސަރުކާރެއްގައި 2009 ވަނަ އަހަރު 500،000 ރުފިޔާ، 2010 ވަނަ އަހަރު 23 މިލިއަން، 2011 ވަނަ އަހަރު 64 މިލިއަން ރުފިޔާ ލިބުނު އިރު ތަމްރީން ކުރެވުނީ 654 ދަރިވަރުން އެކަނި. އަޅުނގަޑުމެންގެ ދޮޅު އަހަރުވީ ސަރުކާރުގައި 2369 ދަރިވަރުން ތަމްރީނުކޮށްފައި ވާނެ. ވީމާ މި ބޭފުޅާގެ ގާބިލުކަން ހުރިވަރު މި އަދަދުތަކަށް ބަލާ އިރު ފެންނަން އެބަހުރި،" ޖައުޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނަޝީދު ސަރުކާރުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ކުދިންގެ ލިވިން އެލަވަންސް ކަނޑާލާފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެ ޔުނިވާސިޓީގެ 2000 ކުދިންނަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ޔުނިވާސިޓީއެއް ގާއިމުކޮށް ތަައުލީމު ފުޅާކުރަން ވެވަޑައިގަތް ވައުދު ރައްޔިތުން ބޮލާލާ ޖެހުން ކަމަށް ޖައުޝަން ވިދާޅުވި އެވެ.
ނަޝީދުގެ ސަރުކާރުން ކުރިއަށް އޮތް ފަސް އަހަރަށް ވެވަޑައިގަންނަވަމުން ވައުދުތަކަށް ވާހަކަފުޅު ދައްކަވަމުން ޖައުޝަން ވިދާޅުވީ 500 މިލިއަން ރުފިޔާ އިން 6000 ރުފިޔާ އަށް ވުރެ ގިނަ ދަރިވަރުން ފަސް އަހަރު ތެރޭގައި ތަމްރީން ކުރުމުގެ ވައުދަކީ ވާނެ ކަމެއް ނޫން ކަމަށާއި ބޭރު ޔުނިވާސިޓީތަކަށް ފޮނުވައިގެން ނަޝީދު އަށް އެ ބަޖެޓުން އެ އެ އަދަދަށް ދަރިވަރުން ތަމްރީނު ނުކުރެވޭނެ ކަމަށެވެ.
"ފަސް މިލިއަން ރުފިޔާގެ ބަޖެޓަކުން 6150 ކުދިން ތަމްރީނެއް ނުކުރެވޭނެ. މިއީކީ ވާނެ ކަމެއް ނޫން. ދެން މި ބޭފުޅާގެ ވިސްނުމުގައި ނެޝަނަލް ޔުނިވާސިޓީ ތަމްރީން ކުރާ ކަމަށް ވަނިއްޔާ، މިއަދު އަޅުނގަޑުމެންނަށް އެބަ އިނގޭ ޔުނިވާސިޓީ ގާއިމު ކުރެވިފައިވީ ކަމުގައިވީ ނަމަވެސް ތަރައްގީ އަށް ބޭނުންވާ ވަރަށް ގިނަ ދާއިރާތަކުން ކިޔެވެން ނެތްކަން. މިދާއިރާތަކުން ކުދިން ބޭރަށް ފޮނުވާ އިރު މި ނަންގަތް ބަޖެޓުން މިކަލޭގެ އަށް ހާސިލު ވާނީ ހަމަ އެކަނި 3200 ކުދިން." ޖައުޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2000 ޑޮކްޓަރުން ތަމްރީން ކުރުމަށް ނަޝީދު ވެވަޑައިގަންނަވާފައިވާ ވައުދަކީ ވެސް މި ބަޖެޓުންވާނެ ކަމެއް ނޫން ކަމަށާއި އެކަމަށް ފަސް އަހަރުތެރޭގައި އެ ވަރަކަށް ޖާގައެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި 118 މިލިއަން ރުފިޔާ އިން 510 ކުދިން ބޭރު ގައުމުތަކަށް ފޮނުވަން ވެވަޑައިގަންނަވާފައިވާ ވައުދަކީ ލަންކާ ސްރީލަންކާ ފަދަ ގައުމުތަކުގެ އެންމެ ދަށްފަންތީގެ ކޮލެޖްތަކުން ވާނެ ވަރެއް ކަމަށާއި ދިވެހި ދަރިވަރުންނަށް އެފެންވަރުގެ ތައުލީމެއް ލިބެން ބޭނުން ނުވާ ކަމަށެވެ.
ޑރ. ވަހީދުގެ ކޯލިޝަނުން ބާއްވަމުންގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރާއްޖެ އިން ތެޔޮ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ވެވަޑައިގަންފައިވާ ވައުދަށް ވެސް ރައްދުދީފަ އެވެ.