07 Aug 2013, 22:15
އިލެކްޝަންސް ކޮމިޝަންގައި އިންޑިއާގެ ފަސް ބޭފުޅަކު މަސައްކަތް ކުރައްވަމުން ގެންދަވާތީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާ މިއަދު ހަވީރު ބައްދަލު ކުރެއްވުމަށް ފަހު ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރިޔާސީ އިންތިހާބު ފެށެން މިހާ ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އިންޑިއާގެ ފަސް ބޭފުޅަކު އެ ކޮމިޝަންގައި މަސައްކަތް ކުރަމުން ދިއުމަކީ އެ ޕާޓީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އާދެ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އިން މިއަދު އިލެކްޝަންސް ކޮމިޝަންގެ ރައީސް އާ މި ބައްދަލު ކުރީ އަޅުގަނޑުމެންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރީމާ. އެގޮތުން ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް އިންޑިއާގެ ފަސް މީހަކު އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރަމުން ގެންދާކަން އަޅުގަނޑުމެންނަށް މި އެނގެނީ. އިންޑިއާގެ ފަސް މީހަކު މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް މިއަދު އެއްބަސްވި. އެކަމާ އަޅުގަނޑުމެން ނުހަނު ކަންބޮޑުވޭ." މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އިންޑިއާގެ ފަސް ބޭފުޅުން އިލެކްޝަންސް ކޮމިޝަންގައި މިވަގުތު މަސައްކަތް ކުރަމުން ގެންދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާގެ ފަސް ބޭފުޅުން ކޮމިޝަންގައި މަސައްކަތް ކުރަަމުން ދަނީ އައިޓީ ޑިޕާޓްމެންޓުގައި ކަމަށް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ އެ ފަސް ބޭފުޅުން މިވަގުތު ފޮނުވާލެވެން އޮތް ނަމަ ފޮނުވާ ލުމަށް ކޮމިޝަންގެ ރައީސްގެ އަރިހުން އެދިވަދައިގެންނެވި ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ފުއާދު ވިދާޅުވި ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް އިތުރަށް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓް މެންޓްގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާ ހަނީފާ ހާލިދުގެ އަމަލުތައް ހުންނަނީ ކޮމިޝަންގެ މެންބަރެއްގައި މަސައްކަތް ކުރާ މުވަޒިފެއްގެ އަމަލުތައް ހުންނަން ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމް އަށާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކޮށް ތަފާތު އެކި ޓުވީޓްތައް ކުރައްވަމުން ގެންދަވާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޮމިޝަންގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ އަމަލުތައް އެގޮތަށް ހުރުމަކީ އިންތިހާބާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ކުޑަވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ކޮމިޝަންގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިންޑިއާގެ ފަސް ބޭފުޅުން ކޮމިޝަނުން ބޭރު ކުރަން ޖެހޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެބޭފުޅުން ކޮމިޝަންގައި މަސައްކަތް ކުރުމަކީ އިންތިހާބުގެ ސައްހަކަމާ މެދު ސުވާލު އުފެދިގެންދާނެ ކަމެއް ކަމަށް އިލްހާމް ވިދާޅުވި އެވެ.
ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީން އިތުރަށް ބުނެފައި ވަނީ ރީ ރަޖިސްޓްރޭޝަން އަށް ފަހު ޝަކުވާ ހުށަހެޅުއްވުމަށް ޓަކައި ކޮމިޝަނުންދޭ މުއްދަތަކީ ވަރަށް ކުރު މުއްދަތެއް ކަމަށައި އެހެން ކަމުން އެ މުއްދަތު އިތުރުކޮށްދެއްވުމަށް ކޮމިޝަންގައި އެދިފައި ވާނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކޮމިޝަންގެ ރައީސް ވިދާޅުވި ކަމަށް އެ ދެ ޕާޓީން މިއަދު ބުންޏެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ފަޔާޒު ހަސަން ސަން އަށް މިއަދު ވިދާޅުވީ އިންޑިއާގެ ފަސް ބޭފުޅަކު އިލެކްޝަންސް ކޮމިޝަންގައި މަސައްކަތް ކުރައްވާ ކަމަށާއި އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ސޮފްޓްވެއާއެއް ޑެވޮލަޕް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ އެ ބޭފުޅުންނަށް ރިޔާސީ އިންތިހާބުގެ ޑާޓާތަކާ ކުޅުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށެވެ.
އެ ކޮމިޝަންގެ ލީގަލް ހެޑް ހަނީފާ ހާލިދާ ބެހޭ ގޮތުން ޕީޕީއެމް އާއި ޖޭޕީ އިން ހުށަހެޅި ޝަކުވާ ބައްލަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.