އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ރިވާކުރައްވައިފައިވާ ވަރަށް ދިގު ޙަދީޡެއްގެ ރިވާޔަތެއް ޞައްޙަ ޙަދީޡް ފޮތްތަކުގައިވެއެވެ. ތިރީގައިމިވަނީ އެޙަދީޡު ގެ ބައެއްގެ ތަރުޖަމާއެވެ. އެޙަދީޡުގައިވާގޮތުން، އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡްކުރައްވައިފައި ވެއެވެ.

"ރަމަޟާން މަހުގެ އެންމެ ފަހުރޭ ރޯދަވެރީންގެ ފާފަފުއްސަވައެވެ." ދެންނެވުމެވެ. "އޭ މާތްﷲ ގެ ރަސޫލާއެވެ. އެރޭގެ މަޠުލަބަކީ ލައިލަތުލްޤަދްރި ވިލޭރޭތޯއެވެ. "ޙަދީޡްކުރެއްވިއެވެ. "ނޫނެކެވެ. މަސައްކަތްކުރާ މީހާ މަސައްކަތް ކުރަމުން ގޮސް އޭނާގެ މަސައްކަތް ނިމުުމުން އެމަސައްކަތުގެ ފުރިހަމަ އުޖޫރަދެވެއެވެ." (އަޙްމަދު، ޖިލްދު:2)

މިޙަދީޡްފުޅުގެ މަޠުލަބަކީ މުޙައްމަދިއްޔަ އުއްމަތުން ރޯދައިގެ ރޫޙާ އެއްގޮތަށް ރޯދަހިފާ މީހުންނަށް ރަމަޟާން މަހުގެ އެންމެފަހުރޭ އެބައިމީހުން ހިފިރޯދައިގެ އަޅުކަމުގެ ޡަވާބު އެބައިމީހުންގެ ޢަމަލުތަކުގެ ރެކޯޑުގައި ލިޔުއްވައިދެއްވާނެކަން ބަޔާންކޮށްދެއްވުމެވެ. އިތުރު ސާހިބާ ގެ އެހެންބަސްފުޅެއްގައި ރަމަޟާން މަހުގެ އެންމެ ފަހު ރެއަށް ނަންދެއްވައިފައި ވަނީ "ލައިލަތުލް ޖާއިޒާ" (އަލްބައިހަޤީ) "އިނާމުދެއްވާރޭ" ގެ ނަމުންނެވެ. މާތްﷲ އަޅުންކުރާ ކޮންމެ ހެޔޮ ޢަމަލަކަށް އެކަލާނގެ އިނާމުދެއްވައެވެ. ރަމަޟާން މަހުގެ ރޯދައިގެ އަހައްމިއްޔަތަށްޓަކައި މިޙަދީޡްފުޅުގައި ރޯދައިގެ އިނާމުގެ ވާހަކަ ޚާއްޞަގޮތަކަށް ވިދާޅުވެފައިވަނީއެވެ.

ޢާއްމު އާދައިގެމަތިން މުސްލިމުންގެ މެދުގައި ކަންހިނގާ މަގަށް ބަލާއިރަށް އީދުވިލޭރެޔަކީ އަޅުކަމާމެދު ޣާފިލުވުމުގެ ރެޔެކެވެ. ކުޅިވަރާއި މަޖަލުގެ ރެޔެކެވެ. ބާޒާރުކުރުމުގެ ރެޔެކެވެ. މަތީގައިއެވާ ޙަދީޡްފުޅުގައި އެވަނީ އީދުވިލޭރެޔާ ބެހޭގޮތުން ޚާއްޞަ ހަނދާންކޮށްދެއްވުމެކެވެ. އިނާމުދެއްވާރޭ ހޭދަކުރަން އެންމެފައިދާހުރި ގޮތަކަށްވާނީ ޚާއްޞަ ގޮތެއްގައި އަޅުކަންކުރުމާއި ދުޢާކުރުމުގައެވެ. ރަމަޟާންމަހު ތިމާހިފި ރޯދައާއި ކުރި އަޅުކަން ޤަބޫލުކުރެއްވުން އެދިއެވެ. ތިމާއަށް ރަމަޟާން މަސް ހޭދަކުރެވުނުގޮތަކާ މެދު ވިސްނައި ފިކުރުކޮށް ކުރިޔަށްއޮތް އަހަރާމެދު ރޭވުންތައް ރޭވުމުގައެވެ. އެއަހަރު ހެޔޮގޮތުގައި ހޭދަކުރުމުގެ ތައުފީޤަށް އެދުމުގައެވެ. އެފަދަރެޔެއް ކުޅިވަރާއި، އިސްރާފުގައި ހޭދަކޮށްލުމަކީ ބަރަކާތްތެރި ފުރުޞަތެއް ނަގައިލުމެވެ. އެރޭގެ އަގުވަޒަން ނުކުރުމެވެ. ރަމަޟާން މަސް އެމަހުގެ ރޫޙާއެއްގޮތަށް ހޭދަކުރި ބައެއްގެ ހިތަށް އެއީ ކުޅަދާނަކަމަކަށް ނުވާނެއެވެ.

ޝައްކެއްނެތެވެ. ރަމަޟާން މަހުގެ އެންމެފަހުރޭ ހަދަންެޖެހޭނީ އަޅުކަމާއި ދުޢާކުރުމުގެ ރެއަކަށެވެ. ކުޅިވަރާއި މަޖަލާއި އިސްރާފުގެ ރެޔަކަށެއް ނޫނެވެ.