ޗެލްސީގެ ބްރެޒިލް ޑިފެންޑަރު ޑޭވިޑް ލުއިޒް ހޯދުމަށް ސްޕެނިޝް ޗެމްޕިއަން ބާސެލޯނާއިން ރަސްމީކޮށް ބިޑްކޮށްފި އެވެ.

ޕޯޗްގީޒްގެ ބެންފިކާއިން 2011 ވަނަ އަހަރުގެ ޖެނުއަރީގައި 21 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު 26 އަހަރުގެ ޑިފެންޑަރަކީ، ބާސާއިން ވަރަށް ކުރީއްސުރެން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިއެކެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސާއިން ލުއިޒްއަށް ހުށަހަޅާފައިވަނީ، ހަމަ އެކަނި ފައިސާގެ އަގެކެވެ. އަދި އެއީ 34.5 މިލިއަން ޕައުންޑަށްވުރެ ދަށް އަގެއްކަމަށާއި، ނަމަވެސް ޗެލްސީއަށް މިހާތަނަށް 109 މެޗު ކުޅެ 12 ލަނޑު ކާމިޔާބުކޮށްފައިވާ ލުއިޒް ވިއްކާލަން ބޭނުންނުވާ ކަމަށް ޗެލްސީއިންވަނީ ބުނެފަ އެވެ. ލަފާ ކުރެވޭ ގޮތުގައި ޗެލްސީއިން ލުއިޒް ދޫކޮށްލާނެ އެންމެ ދަށް އަގަކީ 52 މިލިއަން ޕައުންޑެވެ.

ބާސާގެ ޑިފެންޑަރު ކާލްސް ޕުޔޯލްގެ ކަކުލަށް އަނިޔާ ލިބިފައިވުމާއި، ޖެރާޑް ޕީކް، އެޑްރިއާނޯ ކޮރިއާ އަދި ހާވިއާ މަޝަރާނޯ ފަދަ ކުޅުންތެރިންނަށް އަނިޔާއާއި ސަސްޕެންޝަންގެ މައްސަލަތައް ކުރިމަތިވެފައިވާއިރު އެ ކްލަބްގެ ކޯޗުކަމާ އާޖެންޓީނާގެ ޖެރާޑޯ މާޓިނޯ ހަވާލުވިފަހުން އެންމެ އިސްކަމެއްދީގެން އެ ކްލަބަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ ސެންޓަ ބެކެއް ހޯދުމަށެވެ.

ލުއިޒް ޗެލްސީއާއެކު މިދިޔަ އަހަރު އިތުރު ފަސްއަހަރު ދުވަހަށް އެއްބަސްވުން އާކޮށްފައިވާއިރު އޭނާ ހޯދުމަށް ޔޫރަޕްގެ ޗެމްޕިއަން ބަޔާން މިޔުނިކުންވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.