ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މިރޭ ފަށައިފި އެވެ.

ގަން އެއާޕޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތަކާ އެކު ގަމުން ކޮލަލްބޯ އަށް ދަތުރުތައް ފަށާފައި ވަނީ މިރޭ 7:30 އެހާކަންހާއިރު އެވެ. އެ ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވިއަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ މިއަދުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހާއި ހޯމަ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ގަމުން ކޮލަމްބޯ އަށް ކުރާނެ ކަމަށެވެ. އަދި ގަމުން ކޮލޮމްބޯ އަށް އެއްކޮޅު ޓިކެޓް 149 ޑޮލަރަށް (2297.58ރ.) ވިއްކާއިރު ދެކޮލު ޓިކެޓް ވިއްކަނީ 269 ޑޮލަރަށް (4147.98ރ.) އަށް ކަމަށް ނަޝާތު ވިދާޅުވި އެވެ.

ސަރުކާރުގެ ވައިގެ ދަތުރުފަތުރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ގަމުން ކޮލަމްބޯ އަށް ދަތުރުތައް ކުރާނީ ގއ. އާއި ގދ. އަދި ފުވައްމުލަކުން ދާން ބޭނުންވާ މީހުންނަށް ކަނެކްޝަންދީގެން ކަމަށެވެ.

"އަޅުގަނޑުމެން މި ފޯކަސް ކުރަނީ ހަމައެކަނި އައްޑުއަކަށް ނޫން. ގއ. ކޫއްޑު އާއި ގދ. ކާޑެއްދޫ އަދި ފުވައްމުލަކުން ކޮލަމްބޯއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ކަނެކްޝަން އަޅުގަނޑުމެން ހަމަޖައްސާނަން. އޭރުން ކޮންމެ ގޮތެއް ވިޔަސް މިހާރު މާލެ އައިސް ކޮލަމްބޯ އަށް ދާން ކުރަން ޖެހޭ ހޭދައަށް ވުރެ ކުޑަވާނެ ސީދާ ގަމުން ދާންވީމަ،" ހާރިޝް ވިދާޅުވި އެވެ.

ގަމުން ކޮލަމްބޯ އަށް މިއަދު މޯލްޑިވިއަންގެ ދަތުރުތައް ފަށާފައިވާ އިރު ގައުމީ އެއާލައިން އިން މިހާރު ވެސް ދަނީ އާ މަންޒިލްތަކަށް ދަތުރުކުރަމުންނެވެ. އެގޮތުން ޗައިނާ އަށާއި މިއަހަރު މީހުން ހައްޖަށް ގެންދިއުމަށް ޓަކައި ސައުދީއަށް ދަތުރުތައް ކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.