07 Aug 2013, 20:43
ލުއިސް ސުއަރޭޒް އެހެން ކުލަބަކަށް ބަދަލުވާން ބޭނުންވާތީ އޭނާ ލިވަޕޫލްއިން ދޫކޮށްދިނުމަށް އެދި އެ ކްލަބަށް ގޮވާލައިފި އެވެ.
އުރުގުއޭގެ 26 އަހަރުގެ ފޯވަޑް ލިވަޕޫލް ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމަށް ކުރަމުން ގެންދާ މަސައްކަތް އެ ކްލަބުން އިތުރަށް ހުއްޓުވައިފި ނަމަ، ސުއަރޭޒް ނިންމާފައިވަނީ، މި ހަފްތާ ތެރޭގައި ޓްރާންސްފާ ރިކްއެސްޓެއް ހުށަހެޅުމަށެވެ.
ސުއަރޭޒް ބުނީ، މިދިޔަ ސީޒަންގައި ލިވަޕޫލުން ވަނީ، އެ ކްލަބަށް ޗެމްޕިއަންސް ލީގު ޖާގައެއް ނުލިބިއްޖެ ނަމަ އޭނާ ދޫކޮށްލަ ދޭނޭ ކަމަށް ވައުދު ވެފައި ކަމަށެވެ.
"މިދިޔަ ސީޒަންގައި އަހަރެންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ލިވަޕޫލަށް ކޮށްދިނިން. މިހާރު ދެން އަހަރެން ބޭނުންވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ކްލަބުން އިހްތިރާމް ކުރުން،" ސުއަރޭޒް ބުންޏެވެ. "މިދިޔަ އަހަރު އަހަރެންނަށް ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން ޝައުގުވެރިކަން ފާޅުކުރި. އެކަމަކު އަހަރެން މަޑުކުރީ، ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބިއްޖެ ނަމަ އަހަރެން ދޫކޮށްލާނޭ ކަމަށް ކުލަބުން ބުނުމުން."
ލިވަޕޫލުން ދޫނުކުރާނެ ކަމަށްބުނެ ހިފަހައްޓާފައިވާ ހުނަރުވެރި ފޯވަޑް ބުނީ އޭނާގެ އުމުރުން މިހާރު 26 އަހަރު ވެއްޖެ ކަމަށާއި ޗެމްޕިއަންސް ލީގުގައި ކުޅެން އޭނާ އިންތިހާއަށް ބޭނުންވާ ކަމަށެވެ.
ސުއަރޭޒާއި ލިވަޕޫލާ ދެމެދު ވެފައިވާ އެއްބަސް ވުމުގައިވާ ގޮތުން 40 މިލިއަން ޕައުންޑަށްވުރެ މަތީ އަގެއް ހުށަހަޅައިފި ނަމަ، ލިވަޕޫލުން އެހުށަހެޅުން ބައިލައިގަންނަން ޖެހޭނެ އެވެ. އާސެނަލްއިން ދެވަނަ ފަހަރު ބިޑް ކުރިއިރު 40 މިލިއަން އެއް ޕައުންޑު ބިޑްކުރުމުންވެސް ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާ ބުނީ، ސުއަރޭޒް ދޫކޮށްލަން ޖެހޭވަރުގެ އަގެއް އާސެނަލްއިން އަދި ހުށަނާޅާ ކަމަށެވެ.
އަޔެކްސްއިން 2011 ވަނަ އަހަރު 22.7 މިލިއަން ޕައުންޑުގެ ފީއަކަށް ދިގުމުއްދަތުގެ އެއްބަސް ވުމެއްގެ ދަށުން ލިވަޕޫލާ ގުޅުނު ފޯވަޑް ވަނީ، މިދިޔަ ސީޒަންގައި އޭނާ ލިވަޕޫލަށް ކުޅުނު 44 މެޗުގައި 30 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ލިވަޕޫލަށް ޖުމުލަ 96 މެޗު ކުޅެފައިވާއިރު 51 ލަނޑު ކާމިޔާބުކޮށްފައިވާއިރު އެ ސީޒަންގައި ލިވަޕޫލާ ގުޅުމުގެ ކުރިން އަޔެކްސްއަށް ކުޅުނު 48 މެޗުގައި 49 ލަނޑު ޖަހާފައިވެ އެވެ. އަދި ގައުމީޓީމަށް 69 މެޗު ކުޅެފައިވާއިރު 35 ލަނޑު ޖަހާފައިވެ އެވެ.