12 Nov 2010, 08:39
ސްރީލަންކާ އަށް ވިއްސާރަކޮށް ވެރިރަށް ކޮލޮމްބޯ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެހި އާއިލާތަކުން އެހީ ހޯދުމަށް އެގައުމުގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅާނެ އިމަންޖެންސީ ހެލްޕް ލައިންތަކެއް ގާއިމްކޮށްފި އެވެ.
ހައިކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، ފާއިތުވި 18 އަހަރު ތެރޭ ސްރީ ލަންކާ އަށް ކުރިމަތިވި ފެންބޮޑުވުމުގެ އެންމެ ބޮޑު ހާދިސާގައި އެއްވެސް ދިވެއްސެއްގެ ފުރާނަ އަށް އަދި ހައްޓަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް، ބައެއް ދިވެހިން ހާލުގައި ޖެހިފައިވާ ކަމަށާއި ހައިކޮމިޝަނަށް އެހީ އަށް އެދި ގުޅާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ނޫސްބަޔާނުގައިވެ އެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ހާލުގައި ޖެހިފައިވާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހައި ކޮމިޝަނުން އިމަޖެންސީ ހެލްޕްލައިންތަކެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ދިވެހިން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ލަންކާ ސަރުކާރާ ގުޅިގެން އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެ އެވެ. ނަމަވެސް ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ ކޮމިޝަންގެ އޮފިޝަލުންނަށް އެ ސަރަހައްދުތަކަށް ވަނުމަށް ވަނީ ދަތިވެފަ އެވެ. އެންމެ ބޮޑަށް ފެންބޮޑުވި ސަރަހައްދުތަކުގެ ތެރޭގައި ނާރަހުމްޕިޓިޔާ ހިމެނޭ ކަމަށް ވެސް ހައި ކޮމިޝަނުން ބުނެ އެވެ.
ސްރީލަންކާގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ދިވެއްސެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ހައި ކޮމިޝަންގެ ހެލްޕް ލައިނަށް ގުޅުމަށް އެ ކޮމިޝަނުން އިލްތިމާސްކުރެ އެވެ.
އެ ނަންބަރުތަކަކީ:
94112587827، 94115516302، 941165516303، 2580076 9411
ސްރީލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް 11 މީހަކު މަރުވެ، 36،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަސަރުކޮށްފަ އެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ.