ސްޕެއިންގެ ބާސެލޯނާގައި ޖުލައި 19 އިން އޯގަސްޓް ހަތަރަކަށް ކުރިއަށް ގެންދިޔަ 15 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވި ފެތުންތެރިން މުބާރާތް ނިންމުމަށްފަހު މިއަދު އެނބުރި މާލެ އަތުވެއްޖެ އެވެ.

ފީނާ ވޯލްޑްޗެމްޕިއަންޝިޕްގައި މިފަހަރު ރާއްޖެ ތަމްސީލު ކުރި ޓީމްގައި ހިމެނޭ ޒުވާން ފެތުންތެރިޔާ އާމިނަތު ސަޖަން ވަނީ، އެ މުބާރާތުގައި ވާދަކޮށް، ރާއްޖޭގެ ކުރީގެ އެއްވަނަ ފެތުންތެރިޔާ އާމިނަތު ރޫޔާ ޙުސައިން 2007 ވަނަ އަހަރު ހަދާފައިވާ 200 މީޓަރުގެ ފްރީސްޓައިލް ގައުމީ ރެކޯޑު މުގުރާލައިފަ އެވެ. ސަޖަން ރޭސް ނިންމީ، 02:32:05 މިނިޓުންނެވެ.

އެމުބާރާތުގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކްގައި ވާދަކޮށް މުހައްމަދު މުއުތަސިމް އަދުނާން ވަނީ، 2009 ވަނަ އަހަރު، މަޝްހޫރު ފެތުންތެރިޔާ މުޖާހިދު މުހައްމަދު ގާއިމްކޮށްފައިވާ، 00:29:56 މިނިޓުގެ ރެކޯޑާ އެއްވަރުގެ ރެކޯޑެއް ގާއިމް ކޮށްފަ އެވެ.

އިސްމާއީލް ފަރުހާންގެ ކޯޗުކަމުގެ ދަށުން މިފަހަރު ފީނާ ވޯލްޑްޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރީ މުއުތަސިމްއާއި ސަޖަންގެ އިތުރުން ހަސަން އަޝަރަފް އެވެ.