ސޮނީ އެކްސްޕީރިއާ ޒެޑް އަލްޓްރާ ފޯނާއި އެކްސްޕީރިއާ ޒެޑްއާރު ފޯނު، ރީފްސައިޑުން މިއަދު ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

އަލަށް ބާޒާރަށް ނެރުނު އެކްސްޕީރިއާ ޒެޑް ސީރީޒްގެ ދެފޯނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ރީފްސައިޑްގެ މާކެޓިން އެގްޒެކެޓިވް ހަސަން ރިފާއު ވިދާޅުވީ އަލަށް ތައަރަފްކުރި ދެ ފޯނަކީވެސް ސޮނީ އެކްސްޕީރިއާ ޒެޑް ފަދައިން ފެން ނުވަންނަ ގޮތަށް ޑިޒައިންކޮށްފައިވާ ދެ ފޯނު ކަމަށެވެ.

"އެކްސްޕީރިއާ ޒެޑްއާއި ޒެޑްއާއރުގެ ހުރި ތަފާތަކީ، ޒެޑްއަކީ ފަސް އިންޗީގެ ސްކްރީންއެއް ހުންނަ ފޯނެއް. އެކަމަކު ޒެޑްއާރުގައި މި އިންނަނީ، 4.6 އިންޗީގެ ސްކްރީނެއް. އެކްސްޕީރިއާ ޒެޑްގައި ފެނުއަޑީގައި ޓަޗްސްކްރީން ބޭނުމެއް ނުކުރެވޭ. އެކަމަކު މިފޯނުގައި ޓަޗް ކޮށްގެން ފޮޓޯ އަދި ވީޑިއޯ އެއްޗެހި ނެގޭނެ،" ރިފާއު ވިދާޅުވި އެވެ.

އެކްޕީރިއާ ޒެޑްއާރު ގައި ދެ ޖީބީ ރެމްއެއް ހުންނައިރު އޭގެ އިންޓާނަލް މެމޮރީއަކީ އަށް ޖީބީއެވެ. އަދި 13.1 މެގަޕިކްސެލްގެ ކެމެރާއެއް ހިމެނެއެވެ.

ރިފާއު ވިދާޅުވީ، އެކްސްޕީރިއާ ޒެޑްއާރުގެ ކަޅުކުލައާއި، ހުދުކުލައާއި ފިޔާތޮށިކުލަ އަދި މަޑުފެހިލުލައިގެ ފޯނު ރީފްސައިޑުން ގަންނަން ލިބެންހުރި އިރު އެތަނުން އޭގެ ފޯނެއް ވިއްކާ އަގަކީ، 10300ރ ކަމަށެވެ.

"ދެން އަޅުގަނޑުމެން މާކެޓަށް މި ނެރެނީ ސޮނީން މުޅިން އަލަށް ނެރުނު ސައިޒެއްގެ ފޯނެއް. މިއީ އެކްސްޕީރިއާ އަލްޓްރާ ކިޔާ ފޯނެއް. މި ފޯނުގައި 6.4 އިންޗީގެ ސްކްރީނެއް ހިމަނާފައިވާއިރު މިއީ މިހާރު ދުނިޔޭގެ އެންމެ ތުނި ފޯނޭވެސް ބުނެވިދާނެ،" އެކްސްޕީރިއާ ޒެޑް އަލްޓްރާއާ ބެހޭގޮތުން ރިފާއު ވިދާޅުވި އެވެ.

ސޮނީ އެކްސްޕީރިއާ ޒެޑް އަލްޓްރާގައި އަށް މެގަޕިލްސެލްގެ ކެމެރާއެއް ހިމެނިފައިވާއިރު، އެ ފޯނުން ފުލް އެޗްޑީ ވީޑިއޯ ރެކޯޑިންވެސް ހެދޭނެ އެވެ. ފޯނުގެ އިންޓާނަލް މެމޮޒީގެ ސައިޒަކީ 16 ޖީބީއެވެ. އަދި މެމޮރީ އިތުރަށް ބޮޑުކުރަން ބޭނުންވެއްޖެ ނަމަ މެމޮރީ ކާޑެއް ބޭނުންކޮށްގެން 64 ޖީބީއަށް ސައިޒް ބޮޑުކުރެވިދާނެ އެވެ.

ރިފާއު ވިދާޅުވީ އެ ރީފްސައިޑުން ސޮނީ އެކްސްޕީރިއާ ޒެޑް އަލްޓްރާ ފޯނެއް ޖީއެސްޓީ ހިމަނައިގެން ވިއްކާއަގަކީ، 12950ރ އަށް ކަމަށެވެ. އަދި ލިބެންހުރީ ހަމަ އެކަނި ކަޅުކުލަ ކަމަށެވެ.

ރީފްސައިޑުން ރާއްޖޭގެ ބާޒާރަށް އަލަށް ނެރުނު ސޮނީ އެކްސްޕީރިއާ ޒެޑްގެ ދެ ފޯނުވެސް އިސްލާމިކް ބޭންކުގެ އިންސްޓޯލްމަންޓް ސްކީމުން ލިބެން ހުންނާނެ ކަމަށް ރިފާއު ވިދާޅުވި އެވެ.