ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އިންޑިޔާ އަށާއި ސައުދީއަރަބިއްޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު ފަހު މާލެ ވަޑައިގެންފި އެވެ.

ނަޝީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ދަތުރުފުޅުގައި އިންޑިއާ އިން ދިވެހިންނަށް ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުންނާއި އަދި އިންޑިޔާ އިން ފިޔަ އާއި ހިލަވެލި ހޯދުމަށް ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން އިންޑިޔާ ސަރުކާރާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

އިންޑިޔާ އިން ލިބެމުން ދިޔަ ފަސޭހަތައް ދިވެހިނަށް ގެއްލިގެން ދިޔައީ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ކަންކުރި ގޮތުން ކަމަށާއި އެހެން ކަމުން އިންތިހާބަށް ފަހު ހިލަޔާއި ހިލަވެލި ލިބޭނެ ކަމުގެ ޔަގީކަން އިންޑިޔާ އިން ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ބަޖެޓް ސަޕޯޓަށް ބޭނުންވާނެ ފައިސާ ވެސް އިންޑިޔާ އިން ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި އަދި އެހީ ވެސް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ބޭފުޅުން އަޅުގަނޑަށް ޔަގީންކަން ދެއްވި އިންތިހާބަށް ފަހު އެ ބޭފުޅުން ކުރައްވާ ކަމެއްގެ ގޮތުގައި އެކަން، ހިލަޔާ ހިލަވެލި ވެސް ރާއްޖެ އަށް ލިބޭނެ ކަމާއި އަދި އެހެންމެ ވިސާ ލިބުމަށް ވެސް މަގުފަހި ވެގެންދާނެ ކަމަށް. ހަމަ އެގޮތުން އަޅުގަނޑުމެން އެދުނިން ބަޖެޓް ސަޕޯޓްގެ ގޮތުގައި ފަށައިގަންނަވާ އިރު އިތުރު ފައިސާގެ އެހީތެރިކަމަށް ބޭނުންވާނެ އޭ. އެކަމާ ގުޅޭ ގޮތުން ވެސް އެ ބޭފުޅުން ވިދާޅުވީ އާ އެކޭ،" ނަޝީދު ވިދާޅުވި އެވެ.

އިންޑިޔާގެ ކުރެއްވި އެ ދަތުރުފުޅުގައި އިންޑިޔާގެ ހާރިޖީ ވަޒީރާއި މާލީ ވަޒީރާއި ނެޝަނަލް ސެކްރިޓީ އެޑްވައިޒަރުގެ އިތުރުން އެ ގައުމުގެ ބޮޑުވަޒީރާއި އަދި ފޮރިން ސެކްރެޓަރީއާ ބައްދަލުކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ސައުދީ އަށް ވަޑައިގެން އުމްރާގެ އަޅުކަން ވެސް ވަނީ ފުރިހަމަ ކުރައްވާފަ އެވެ.