07 Aug 2013, 16:35
ހުޅުމާލޭގައި ޕްރީ ސްކޫލެއް އިމާރާތްކުރުމަށް ޓަކައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީއެފްސީ) އާއި ޖައުސާ ކޮންސްޓުރަކްޝަންއާ ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ހަފްލާއެއްގައި އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ ޝުހެއިލް އަހުމަދެވެ. އަދި ޖައުސާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ޖިލްވާޒް ޖައުފަރެވެ.
ދެ ބުރިއަށް އިމާރާތްކުރުމަށް ނިންމާފައިވާ އެ ޕްރީސުކޫލުގައި ހަ ކުލާސް ރޫމް ހުރެ އެވެ. އަދި ކޮންމެ ކްލާސް ރޫމަކީ 30 ކުދިން ޖާގައިގެ ކުލާސް ރޫމްތަކެކެވެ. އަދި އޭގެ އިތުރުން އެ ސްކޫލުގައި ލައިބްރަރީއަކާއި އޯޑިއޯ ވިޝުއަލް ރޫމެއްގެ އިތުރުން ކޮމްޕިއުޓާ ލެބަކާއި ހޯލެއްގެ އިތުރުން މަލްޓި ޕާޕަސް ރޫމެއް ވެސް ހުރެ އެވެ.
އެމަސައްކަތް ޖައުސާ އަށް ހަވާލުކޮށްފައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ހުޅުމާލޭގައި ޕްރީ ސްކޫލެއް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވާ އިރު އެ ރަށުގައި އަމިއްލަ ފަރާތަކުން ހިނގާ ޕްރީ ސްކޫލުގައި މީގެ ދެ މަސް ކުރިން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާ ބޭނުންނުކުރެވޭ ވަރަށް އަނދާފަ އެވެ. އަދި މިހާރު އެ ސްކޫލު ވަނީ މަރާމާތަށް ފަހު ކިޔަވައިދިނުމަށް ފަށާފަ އެވެ.