ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މަޖީދީ މަގު ބްރާންޗުން ކޮންމެ ހޮނިހިރު ދުވަހަކު ކަސްޓަމަރުންނަށް ހިދުމަތް ދޭގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މިމަހުގެ 17ވާ ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު، ހެނދުނު 10:30 އިން ހަވީރު 4:00އަށް މަޖީދީ މަގު ބްރާންޗުން ހިދުމަތް ލިބޭނެ ކަމަށެވެ.

ހޮނިހިރު ދުވަސް ފިޔަވައި، ބަންދު ނޫން އެހެން ދުވަސް ދުވަހު ބީއެމްއެލްގެ ހިދުމަތް ފޯރުކޮށްދޭ ގަޑި އަވަސްކޮށްފައިވާ ކަމަށެވެ. އަދި ބޭންކުން މިހާރު ނިންމާފައި ވަނީ ހެނދުނު 8:30 އިން މެންދު ފަހު 2:00 އަށް ހިދުމަތްދޭ ގޮތަށެވެ.

ބީއެމްއެލްއިން ހިދުމަތް ފޯރުކޮށްދޭ ވަގުތަށް ގެނައި އެ ބަދަލާއެކު، ކޮންމެ ހޮނިހިރު ދުވަހެއްގައި މާލޭގެ ދެ ސަރަހައްދެއްގައި ބޭންކުގެ ހިދުމަތް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެގޮތުން ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމުގެ ހިދުމަތް ލިބޭނީ، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ ބީއެމްއެލް ލައިޓް އިންނެވެ. އަދި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދޭނީ މަޖީދީމަގު ބްރާންޗުންނެވެ.

ގައުމީ ބޭންކުން ބުނީ، ވިޔަފާރިކުރާ ކަސްޓަމަރުންނަށް ފަސޭހަކުރުމުގެ ގޮތުން މަޖީދީމަގު ބްރާންޗުން ހޮނިހިރު ދުވަހު ޓީޓީއާއި އެލްސީ އަދި ލޯން އެޕްލިކޭޝަންގެ އިތުރުން ބޭންކް ގެރެންޓީ އެޕްލިކޭޝަން ވެސް ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިޔަފާރިކުރާ ކަސްޓަމަރުންނެކޭ އެއްފަދައިން ފަރުދީގޮތުން ބޭންކުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން، ކްރެޑިޓްކާޑް، ޑެބިޓްކާޑު، އިންޓަނެޑް ބޭންކިން އެޕްލިކޭޝަން ބަލައިގަތުން އަދި އެކައުންޓް ސްޓޭޓްމަންޓް ދޫކުރުމާއި ލޯނު އެޕްލިކޭޝަން ބަލައިގަތުން ފަދަ ޚިދުމަތްތައް ވެސް ހޮނިހިރު ދުވަހު ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.