ދ. ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ހަދަން ޝައުގުވެރިވާ ބަޔަކު ހޯދަން ޓޫރިޒަމް މިިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ކުޑަހުވަދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރާ ފަރާތަކަށް ރިސޯޓެއް ހެދުމަށް ރަށެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް މިމަހުގެ 15 ވަނަ ދުވަހު ބައްދަލުވުމެއް އެ މިނިސްޓްރީގައި ބާއްވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ކުޑަހުވަދޫގައި އެއާޕޯޓު ތަރައްގީކުރުމާއި އެ މަޝްރޫއުގެ ދަށުން ރިސޯޓް ވެސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެ ރަށުގައި އެއާޕޯޓެއް ހެދުމަށް 2007 ވަނަ އަހަރު އެއާޕޯޓް އިންވެސްޓްމަންޓް ކޮމްޕެނީ (އެއިމް)އާ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް އެ ރަށުގައި އެއާޕޯޓެއް ހެދުމަށް އޭރު އެ ކުންފުންޏަށް އިންވެސްޓަރެއް ނުލިބުނެވެ. އަދި އޭގެ ފަހުން 2009 ވަނަ އަހަރު ވެސް އެ ރަށުގައި އެއާޕޯޓެއް ހެދުމަށް ސަރުކާރުން އިއުލާންކުރި އެވެ.