ސަންޢާ (އޮގަސްޓް 7): އަލްޤާއިދާގެ ޙަމަލާތަކެއް ޔަމަނަށް ކުރިމަތިވެދާނެ ކަމަށްބުނެ، ޔަމަންގައިތިބޭ އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢާއިލާތައް އެގައުމުން ބާލަމުން ގެންދާ މައްސަލަ ޔަމަން ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ޔަމަން ސަރުކާރުން ބުނީ އަލްގާއިދާގެ ޙަމަލާތަކެއް ކުރިމަތިވެދާނެތީ އަޅަންޖެހޭ ރައްކާތެރި ކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް ޔަމަންގައިތިބޭ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ޑިޕްލޮމޭޓުން ބާލަމުން ގެންދިޔުމަކީ އަލްޤާޢިދާއަށް ހިތްވަރު ދިނުމުގެ ޢަމަލެއް ކަމުގައިނޫނީ ނުވާނެ ކަމުގަ އެވެ. އެމެރިކާ އާއި ޔޫރަޕްގެ ބޮޑު ތިންބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި ޖަރުމަނުން ގެންދަނީ ޔަމަންގައި ތިބޭ އެގައުމުތަކުގެ ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢައިލާތައް ވައިގެ މަގުން ޔަމަނުން ބާލަމުންނެވެ.

މިގައުމުތަކުން މިފިޔަވަޅު އަޅަމުން މިގެންދަނީ ޔަމަންގައި ވަރުގަދަ ޙަމަލާތަކެއް ހިންގާނެކަމަށް ބުނެ އަލްޤާޢިދާގެ ދެ ލީޑަރަކު ފޯނުން ވާހަކަ ދައްކާފައިވާ ކަމަށްބުނެ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން ބަޔާނެއް ނެރުމާގުޅިގެންނެވެ. ޑިޕްލޮމޭޓުންނާއި އެމީހުންގެ ޢައިލާތައް ޔަމަނުން ބާލަމުން ގެންދިޔުމުގެ އިތުރުން އެމެރިކާ ވަނީ ޔަމަންގައި އުޅޭ އެމެރިކާގެ ރައްޔިތުން ވެސް އެގައުމު ދޫކޮށް ދިޔުމަށް އިލްތިމާސްކުރާ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފަ އެވެ.

އަނެއްކޮޅުން އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ޔަމަނަށް އިއްޔެ ދިން ޙަމަލާއެއްގައި ހަ މީހަކު މަރުވެފައިވާ ކަމަށް ޔަމަންގެ ސަލާމަތީ ބާރުތަކުން ވަނީ ބުނެފަ އެވެ. މި ހަ މީހުންނަކީ އަލްޤާޢިދާއާ ގުޅުންހުރި ބައެއްކަމަށް ޝައްކުކުރެވޭ ކަމަށް ޔަމަނުން ބުނެފައިވެ އެވެ. އެމެރިކާގެ މިޙަމަލާ އަމާޒުކޮށްފައި ވަނީ ޔަމަންގެ ދެކުނުގެ ޝަބްވާ ގަވަނޭޓުން ދަތުރުކުރި ދެކާރަކަށެވެ. މިޙަމަލާގައި މިދެކާރުގައި ތިބި ހަ މީހުންނާއި ދެކާރު ވަނީ މުޅިން ހަލާކުވަފަ އެވެ. (ރޮއިޓާސް)