07 Aug 2013, 13:49
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޔޫތު ޓީމްގެ ތިން ކުޅުންތެރިން، މިއަހަރު ތިންވަނަ ޑިވިޝަންގައި ވާދަކުރާ ތޮއްޑޫ އެފްސީއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްފި އެވެ.
ނިއުގެ ވެބްސައިޓްގައި ބުނެފައިވަނީ، ލޯނު އެއްބަސްވުމެއްގެ ދަށުން، މިއަހަރުގެ ތިންވަނަ ޑިވިޝަން ކުޅުމަށް ތޮއްޑޫ އެފްސީއަށް ދޫކުރި ތިން ކުޅުންތެރިންނަކީ، ނިއުގެ ޔޫތު ޓީމްގެ މުހައްމަދު ކަރަމް، އަލީ އަތޫފު އަދި އިބްރާހީމް ވަހީދު ކަމަށެވެ.
"އެ ތިން ކުޅުންތެރިންގެ ތެރެއިން އެއްވެސް ކުޅުންތެރިއަކަށް ސީނިއާ ސްކޮޑުން އަދި ޖާގަ ލިބިފައެއް ނުވޭ. އެކަމަކު އެ ކުޅުންތެރިންނަކީ ކުރިއަރަމުން އަންނަ ހުނަރުވެރި ތިން ކުޅުންތެރިންނަށްވާތީ ކްލަބުން ގަސްދުކުރީ، ގިނަ މެޗުތައް ކުޅެ އިތުރު ތަޖުރިބާ ހޯދުމަށްޓަކައި ލޯން އެއްބަސްވުމެއްގެ ދަށުން، އެކުޅުންތެރިންނަށް ފުރުސަތުދޭން." ނިއުގެ ވެބްސައިޓުގައިވެ އެވެ.
ނިއުރޭޑިއަންޓުގެ ޑައިރެކްޓާ އޮފް ފުޓްބޯލް، އަންވަރު އަލީ ވިދާޅުވީ، ނިއުއިން އެ ކުޅުންތެރިން ދޫކުރި މައިގަނޑު ސަބަބަކީ، އަންނަ އަހަރު ކުރީކޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫތު ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށްޓަކައި އެ ކުޅުންތެރިންނަށް ގިނަ މެޗުތައް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އެ ކުޅުންތެރިންނަކީ މިޓީމުގެ މުސްތަގުބަލުގެ މުހިއްމު ކުޅުންތެރިން. މިއީ އެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިގެންދާނޭ ކަމެއް،" އަންވަރު ވިދާޅުވި އެވެ.
އަންވަރު ވިދާޅުވީ ލޯން އުސޫލުން ކުޅުންތެރިން ހޯދުމަށް ނިއުއާ މިހާތަނަށް ވާހަކަ ދައްކާފައިވަނީ، ހަމައެކަނި ތޮއްޑޫ އެފްސީން އެކަނި ކަމަށެވެ.
"ދަށް ޑިވިޝަން ތަކުގައި ކުޅޭ ޓީމުތަކަށް ބޮޑެތި ކްލަބް ތަކުން ކުޅުންތެރިން ގެންދިއުމަކީ ރާއްޖޭގައި އާންމު ކަމެއް ނޫން. އެހެން ކަމުން ނިއުއިން ގަސްދުކުރީ މިކަން ފަށަން. އަދި އެހެން ކްލަބްތަކުންވެސް ނިއުގެ ކުޅުންތެރިން ހޯދަން އުޅެފިނަމަ އެކަން ބަލައިގަންނާނަން. މިއީ ދެފަރާތައް ވެސް ފައިދާ ކުރާނޭ ކަމެއް،" އަންވަރު ވިދާޅުވި އެވެ.