07 Aug 2013, 13:53
ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝެޑޯ ކެބިނެޓް ކަމަށް ބުނާ ލިޔުމަކީ އެއްވެސް ހަގީގަތެއް އޭގައި އެކުލެވިގެންވާ ލިޔުމެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް އަލުން ވެރިކަމަށް ވަޑައިގެންނެވިއްޖެ ނަމަ ކެބިނެޓަށް އައްޔަން ކުރައްވާނެ ބޭފުޅުންގެ ނަންތައް ކަމަށް ބުނެ ސޯޝަލް މީޑީއާގައި ލީކްކޮށްފައިވާ ލިޔުމާ ބެހޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޒުހައިރު ވިދާޅުވީ އޭނާ އަށް ވެސް އެ ލިޔުން ފެނިވަޑައިގަތް ކަމަށާއި އެހެން ނަމަވެސް އެ ލިޔުމަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލިވެގެންވާ ލިޔުމެއް ނޫން ކަމަށެވެ.
"ރައީސް ނަޝީދުގެ ކެބިނެޓް ކަމަށް ބުނެ މިހާރު ސޯޝަލް މީޑިއާގައި ލީކް ކޮށްލާފައިވާ ލިޔުން އަޅުގަނޑު ވެސް ދުށިން. އެ ލިޔުމަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ލިޔުމެއް ނޫން. އަދި އޭގައިވާ ނަންފުޅުތަކަކީ ވެސް ސައްހަ ނަންފުޅު ތަކެއްނޫން." ޒުހައިރް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުއްވާ އެއް ވެސް ލިޔުމެއް ފޮނުއްވަނީ އެމްޑީޕީގެ ލެޓާ ހެޑްގައި ނޫން ކަމަށާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ނުވަތަ އެމަނިކުފާނުގެ އޮފީހުގެ ނަންފުޅުގައި ކަމަށެވެ. އަދި ވިދާޅުވީ މިހާރު އާންމުވެފައި ލިޔުމުގައި ބޭނުންކޮށްފައިވާ ލެޓާ ހެޑަކީ ވެސް އެމްޑީޕީގެ ލެޓާ ހެޑް ނޫން ކަމަށާއި އެއީ ވެސް ސައްހަ އެއްޗެއް ނޫން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލިސް އަށް ފޮނުވާ ސިޓީ ފުޅެއް ނުވަތަ އަންގަވާ އެންގެވުމެއް އެމްޑީޕީގެ ލެޓާހެޑްގައެއް ނުފުނުއްވާނެ. އެއީ އިދާރީ ގޮތުން އެކަން ކުރައްވާ ގޮތެއް ނޫން. އެމަނިކުފާނު ގައުމީ މަޖިސް އަށް ފޮނުއްވާ ލިޔުއްވުމެއް ނުވަތަ އަންގަވަން ބޭނުްފުޅުވާ އެންގެވުމެއް އަންގަވާނީ އެ މަނިކުފާނުގެ އަމިއްލަ ނުންފުޅުގައި ނުވަތަ އެ މަނިކުފާނުގެ އޮފީހުގެ ނަންފުޅުގައި، އޮފީހުގެ ލެޓާހެޑްގައި،" ޒުހައިރު ވިދާޅުވި އެވެ.
ލީކް ކޮށްފައިވާ ލިޔުމާ ބެހޭ ގޮތުން އިތުރަށް ޒުހައިރު ވިދާޅުވީ ނަންތަކެއް ޖަހާލައިގެން އެއީ ރައީސް ނަޝީދުގެ ކެބިނެޓް ކަމަށް ބުނެ ލިޔުމެއް އާންމު ކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދައި އެބޭފުޅުންގެ ޒާތާ ބެހުން ކަމަށެވެ.
ރައީސް ނަޝީދުގެ ކެބިނެޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ލީކް ކޮށްފައިވާ ލިޔުމުގައިވާ ގޮތުން ނަޝީދު ވެރިކަމަށް ވަޑައިގެންފި ނަމަ އެ މަނިކުފާނުގެ ސަރުކާރުގައި 16 މިނިސްޓަރުން ތިއްބަވާނެ އެވެ. އެގޮތުން ޑިފެންސް މިނިސްޓަރަކަށް ހަމަޖައްސަވާނީ ނަޝީދުގެ ސަރުކާރުގައި އެ މަގާމު ފުރުއްވާފައިވާ އަމީން ފައިސަލެވެ. ހޯމް މިނިސްޓަރަކަށް އައްޔަން ކުރައްވަނީ ކުރިން ވެސް އެ މަގާމު ފުރުއްވި މުޙައްމަދު ޝިހާބެވެ. އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓަރު ކަމަށް މަހުމޫދު ރާޒީ އެވެ.
ލިސްޓްގައިވާ ގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލް ބާރީ އައްޔަން ކުރައްވަނީ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށެވެ. ފިޝަރީޒް އެންޑް އެގްރީ ކަލްޗަރުގެ މަގާމަށް، ފާތުމަތު ދިޔާނާ ސައީދު، އިސްލާމިކް މިނިސްޓަރުކަމަށް ޝައިޚު ޙުސައިން ރަޝީދު، ޖެންޑާ އެންޑް ހެލްތުގެ މަގާމަށް ޑރ. އާމިނަތު ޖަމީލެވެ.
އެޓާނީ ޖެނެރަލްގެ މަގާމަށް ޑރ. އަހުމަދު އަލީ ސަވާދު، ޔޫތު މިނިސްޓަރު ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ. ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް، މާލޭ ސިޓީގެ މިހާރުގެ މޭޔަރު މައިޒާން އަލިމަނިކު، ޓްރާންސްޕޯޓް މިނިސްޓަރަކަށް ޢަދިލް ސަލީމު، އަދި ފައިނޭންސް އެންޑް ޓްރެޒަރީ މިނިސްޓަރަކަށް އަލީ ހާޝިމެވެ. ފޮރިން މިނިސްޓަރަކަށް ޑރ. އަހުމަދު ޝަހީދު، ކޮމިއުނިކޭޝަންގެ މަގަމާމަށް ކުރީގެ ބްރިގޭޑީއާ ޖެނެރަލް އިބްރާހިމް ދީދީ އެވެ. ޓޫއަރިޒަމް މިނިސްޓަރަކަށް ޑރ. މަރިޔަމް ޒުލްފާ، އެނާޖީ އެންޑް ކްލައިމެޓް ޗޭންޖުގެ މަގާމަށް މުޙައްމަދު އަސްލަމެވެ.