11 Nov 2010, 17:13
މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 25 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާމާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިޚް މުހަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތާ ގުޅޭގޮތުން މުޖުތަމައު މިހާރު ވަރަށް ބޮޑަށް ހޭލުންތެރިވެފައިވާ ކަމަށާއި ހެއްކަކީ އަހަރަކުން އަހަރަކަށް މުދަލު ޒަކާތުގެ ގޮތުގައި ލިބެމުން އަންނަ ފައިސާގެ މިންވަރު އިތުރުވެފާ ވުންކަމަށެވެ. އަދި މުޖުތަމައު މިހާ ބޮޑަށް ހޭލުންތެރިވެފައިވުން އެއީ އޭނާ އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފާފުޅު ކަމަށެވެ.
"އަޅުގަނޑުމެން ޒަކާތާ ގުޅޭ ގޮތުން ހޭލުންތެރި ކުރުވުމާއި އަދި އެހެނިހެންވެސް ކަންތައްތަކުގައި ހޭލުންތެރި ކުރުވުމުގެ މި މަޝްރޫއު ވަރަށް ބޮޑަށް ކާމިޔާބު ވެއްޖެ. މިއީ އަޅުގަނޑަށް މި ވަޒީފާގައި އުޅެމުން ލިބުނު އެންމެ ބޮޑު އުފާ. މުދަލު ޒަކާތް މިއަދު ދައްކާ އަދަދު ފާހަގަ ކޮށްލެވޭ ތާރިހީ ގޮތުން ވެސް. ދިވެހި ރާއްޖޭގައި ކުރިން މިލިބެނީ 13 މިލިއަން 14 މިލިއަން [ރުފިޔާ]. މިދިޔަ އަހަރުގެ ޒަކާތަށް ލިބުނު 27 މިލިއަން ދިވެހި ރުފިޔާ. މި އަހަރުގެ މިދިޔަ މާހާ ހަމަ އަށް ޒަކާތަށް ލިބިފައި އެބަހުރި 25 މިލިއަން ދިވެހި ރުފިޔާ،" ޝަހީމް ވިދާޅުވި އެވެ.
"ޒަކާތުގެ ހުކުމްތަކުގެ ހުލާސާ" އާއި "ޒަކާތާއި ސަދަގާތް ދިނުމުގެ އަދަބުތައް" އަދި "ޒަކާތާއި އަގީދާ" އާއި "ޒަކާތާއި ސަދަގާތް ދިނުމަށް ބާރުލެވިފައިވާ މިންވަރު"ގެ ނަމުގައި ހަތަރު ފޮތުގެ މައްޗަށް އެކުލެވޭ ފޮތް ބައެއްވެސް ވަނީ މި ރަސްމިއްޔާތުގައި ނެރެފަ އެވެ. މި ފޮތްބައި ނެރެ ދެއްވީ ޒަކާތުގެ ކަންކަމާ ގުޅޭ ގޮތުން މުޖުތަމައު ހޭލުންތެރި ކުރުމުގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ޝައިޚް އުޘްމާން އަބްދުﷲ އެވެ. އެ ފޮތްބަޔަކީ އައްޝައިހް އަހުމަދު ފާރޫގް މުހައްމަދު ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާފައިވާ ފޮތް ބައެކެވެ. އެ ފޮތްބަޔަކީ އިސްލާމިކް މިނސްޓްރީން ހިލޭ ބަހާ ގޮތަށް ނެރުނު ފޮތް ބައެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި މީޑިއާ ފާރާތްތަކަށާއި ބައެއް ނޫސްވެރިންނަށް އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލަޔަކާއި ސެޓްފިކެޓެއް އެ މިނިސްޓްރީން ދިނެވެ. އަދި މީގެ އިތުރުން ސަން އޮންލައިންގެ ޖާނަލިސްޓް އައިމިނަތު ނިޔާޒާ އަށް ވެސް ވަނީ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ލިޔުން ލިބިފަ އެވެ. ނޫސްވެރިންނަށް ހަދާނީ ފިލާ ދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފެވެ.
ސަހީމް ގެ ވާހަކަފުޅުގައި މީޑިއާގެ ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަށްވަމުން، ވިދާޅުވީ ނޫސްވެރިންގެ މަސައްކަތުން އެ މިނިސްޓުރީގެ މަސައްކަތަށް ވަރަށް ބޮޑު ހިތްވަރެއް ލިބެމުން އަންނަ ކަމަށެވެ.