ޑޮލަރު ނުލިބިގެން ރާއްޖެ އިން ބޭރުން އާސަންދައިގެ ހިދުމަތްދޭ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ ހަތަރު ލައްކަ ޑޮލަރުގެ ބިލްތަކަށް ފައިސާ ނުދެއްކިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.

އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ މިއަދު "ސަން" އަށް ވިދާޅުވީ ރާއްޖެ އިން ބޭރުން އާސަންދައިގެ ހިދުމަތްދޭ ގިނަ ހޮސްޕިޓަލްތަކަކަށް ދައްކަން ޖެހޭ ބިލްތަކެއް ނުދެއްކި ވަނީ ޑޮލަރު ނުލިބިގެން ކަމަށާއި ޑޮލަރު ހޯދުމަށް ދައުލަތުގެ ބޮޑެތި ކުންފުނިތަކުގައި އެދިފައި ވީނަމަވެސް އެކަމަށް އަދި އަލިމަގެއް ނުފެންނަ ކަމަށެވެ. އަދި އެބިލްތަކަށް ފައިސާ ދައްކާނެ ދިވެހި ފައިސާ އެބަހުރި ކަމަށް ތޯރިގު ވިދާޅުވި އެވެ.

"ދިވެހި ފައިސާ އެބަހުރި ޑޮލަރެއް ނުލިބިގެން މިއުޅެނީ. އަޅުގަނޑުމެން ސަރުކާރުގެ ކުންފުނިތައް ގާތު ވެސް ޑޮލަރު ވިއްކާށޭ ބުނެ އާދޭސްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ، އެހެންވީމާ އަޅުގަނޑުމެންނަށް ޑޮލަރު ނުލިބެންޏާ ކިހިނެއްތޯ އަޅުގަނޑުމެން ޑޮލަރު ޕޭކުރާނީ،" ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބިލްތަކަށް ފައިސާ ނުދެއްކި ހުރި ނަމަވެސް އަދި މިހާތަނަށް އެއިގެން އެއްވެސް ހޮސްޕިޓަލަކުން އާސަންދަ ހިދުމަތް ދިނުން މެދުކަނޑާލާފައި ނުވާ ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނަނީ އަޅުގަނޑުމެން އޮޕަރޭޝަންތައް ހިނގަނީ ގައުމުގެ ހާލަތާއި އިގްތިސާދު އޮތްގޮތަކަށޭ. އަޅުގަނޑުމެން ހިތުން މިފެމެލީގެ ތެރެއިން މާނައަކީ ސަރުކާރުގެ ހުރިހާ ދާއިރާއަކުން ވެސް އަޅުގަނޑުމެނަށް ކޮންމެވެސް ވަރެއްގެ ސަޕޯޓެއް ކުރަންވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" ތޯރިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮލަރު ހޯދައިދިނުމަށް ފިނޭންސް މިނިސްޓަރު ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާ ކަމަށާއި އަދި މީގެ ކުރިން ޑޮލަރުގެ އެހީތެރިކަން ކޫއްޑޫ ފިޝަރީޒް އާއި އެމްޓީޑީސީ އިން ދެއްވާ ކަމަށާއި ނަމަވެސް މިހާރު އެކުންފުނިތަކުގެ ހާލަތު ހުރިގޮތުން ޑޮލަރު ލިބޭގޮތް ވެފައިނުވާ ކަމަށެވެ.

ޑޮލަރުގެ ދަތިކަން ދިމާވެ އާސަންދައިގެ ބިލްތަކަށް ފައިސާ ނުދެއްކިފައިވާ އިރު ސްރީ ލަންކާގައި ހުންނަ އަސިރި ހޮސްޕިޓަލްއިން ވެސް ވަނީ ބިލްތަކަށް ފައިސާ ނުދައްކައިގެން އާސަންދައިގެ ހިދުމަތްކަނޑާލާފައިކަމަށް އެހޮސްޕިޓަލްއިން މިއަދު ވަނީ ސަން އަށް ކަށަވަރު ކޮށްދީފަ އެވެ.