ކޫއްޑޫން ފިޝަރީޒް މޯލްޑިވްސްއިން މިރޯދަ މަހު ކުރިއަށް ގެންދިޔަ "ކޭއެފްއެމް ރޯދަމަސް" ޕްރޮމޯޝަންގައި ނަސީބުވެރި ތިން ފަރާތަކަށް މިހާތަނަށް 38،000 ރުފިޔާގެ އަގުބޮޑު އައިސްއަލަމާރިއެއް ދީފި އެވެ.

އެ ކުންފުނިން ބުނީ މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން އެ ކުންފުނިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއް ފަރާތަކަށް ހިޓާޗީ ބްރޭޑްގެ އަގުހުރި އައިސްއަލަމާރިއެއް ދޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.

އަގުބޮޑު އައިސް އަލަމާރީގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް އިތުރަށް ހޮވޭ ނަމްބަރުތައް ވެސް ވަނީ ނަގާފަ އެވެ. އެގޮތުން އެ ފަރާތްތަކަށް ވަނީ މިކްސާ އަދި ރައިސް ކުކާ ފަދަ ބަދިގޭ ސާމާނުތައް ހަދިޔާކޮށްފަ އެވެ.

ތިން ހަފްތާގައި އައިސްއަލަމާރި ލިބޭ ފަރާތްތަކުގެ ކޫޕަން ނަމްބަރަކީ ފުރަތަމަ ހަފްތާގައި 4128 ދެވަނަ ހަފްތާގައި 18075 އަދި ތިން ވަނަ ހަފްތާގައި 3128 އެވެ.

މި ޕްރޮމޯޝަންގެ ސަބަބުން ކޫއްޑޫ މަސް ފިހާރައިން ވިޔަފާރިކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ޕްރޮމޯޝަނަށް ލިބިފައިވާ ކަމަށް ވެސް ކުއްޑޫ ފިޝަރީޒް ބުންޏެވެ.

ކޫއްޑޫގެ މަސްފިހާރައިން 200 ރުފިޔާއަށްވުރެ މަތީގެ ވިޔަފާރިއެއް ކޮށްގެން ބައިވެރިވެވޭ މި ޕްރޮމޯޝަންގެ ކޮންމެ ހަފްތާއެއްގެ ވެސް ނަސީބުވެރިން ހޮވާފައިވަނީ ދިއެފްއެމުން ލައިވްކޮށް ގެނެސްދިން ޕްރޮގްރާމެއްގަ އެވެ.