07 Aug 2013, 13:28
ދ. މާއެނބޫދޫ ބަނދަރު ހެދުމާއި ކ. ގުޅީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް 65 މިލިއަން ރުފިޔާއަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މާއެނބޫދޫގައި ހަދާ 800 ފޫޓު ދިގު، 220 ފޫޓު ފުޅާ ބަދަރުގެ މަސައްކަތް 11 މަސްދުވަސް ތެރޭގައި ނިންމާގޮތަށް، 42 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައި ވަނީ ސަސް-އީ ސެނޮކް ޖޮއިންޓް ވެންޗާއާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސަސް-އީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހްމަދެވެ.
ދ. މާއެންބޫދޫގައި އަލަށް ހަދާ އެ ބަނދަރު ހެދުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޯބަރު ހަވަނަ ދުވަހު އެވެ.
ގުޅި ބަނދަރުގެ ބޭރުތޮށި ހެދުމަށް ހަ މަސް ދުވަސް ތެރޭގައި ނިންމާގޮތަށް، 23.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ އެމްޓީ ހޯގާޑާ އެވެ. މި ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޮމްޕެނީގެ ލޯކަލް ރެޕްރެސެންޓޭޓިވް އަބްދުﷲ ޒުބައިރެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު އެ ބަނދަރުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ މި ދެ ރަށުގެ ބަނދަރުގެ މަސައްކަތަށް ވެސް ހަރަދުކުރުމަށް ހަމަޖެހިފައި ވަނީ ސަރުކާރުގެ ބަޖެޓުން ކަމަށެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެމިނިސްޓްރީން ހަދާ ބަނދަރުތަކުގައި ބަނދަރާ ގުޅިގެން އޮންނަ މަގު، މުދާ އުފުލާ ބޭލޭގޮތަށް ރަނގަޅު ފެންވަރެއްގައި ހަދަން ނިންމާފައިވާ ކަމަށާއި މިއަންނަ އަހަރުން ފެށިގެން މިނިސްޓްރީން ހަނދާ ބަނދަރުތަކުގައި ބަނދަރު ލައިޓިން ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިިދާޅުވީ ކުރިން ވެސް ހެދުމަށް ހަވާލުކޮށް، މަސައްކަތްކުރިއަށް ނުގޮސް އޮތް މާވަށު ބަނދަރުގެ އިތުރުން ތ.ވިލުފުއްޓާއި ހދ.ހިރިމަރަދޫގެ ބަނދަރުގެ މަސައްކަތް ވެސް އީދަށްފަހު ފެށިގެންދާނެ ކަމަށާއި މިއަހަރު ތެރޭގައި ވެސް އިތުރު މަސައްކަތް ތަކެއް ހަވާލުކުރަން ރޭވިފައިވާ ކަމަށެވެ.
މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވެސް ބައިވެރިވެ ވަޑައިގަތެވެ.