07 Aug 2013, 12:42
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ޕީޓާ ހޯޓަން ބާމިއުޑާ ކޮމާޝަލް ބޭންކްގެ ސީއީއޯއަކަށް ހަމަޖައްސައިފި އެވެ.
ބާމިއުޑާ ސަންގައި ބުނެފައި ވަނީ ބާމިއުޑާ ނެޝަނަލް އިންވެސްޓްމަންޓްގެ 100 ޕަސެންޓް ހިއްސާވާ ސަބްސިޑިއަރީ ބޭންކުގެ ސީއީއޯއަކަށް ހަމަޖެއްސެވި ޕީޓާ އަންނަ މަހު އެ މަގާމާ ހަވާލުވާނެ ކަމަށެވެ.
އެ ނޫހުގައި ބުނެފައި ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގައި ބީއެމްއެލްގެ ސީއީއޯއަކަށް ހުންނެވި ޕީޓާ ބީސީބީގެ ސީއީއޯއަކަށް ހަވާލުވުމަށް ފަހު މައިގަނޑު މަސައްކަތަކަށް ވާނީ ކުންފުނީގެ ސިޔާސަތުތައް ތަރައްގީކޮށް ބޭންކުގެ ހިންގުން ވަރުގަދަކުރުން ކަމަށެވެ.
ބާމިއުޑާ ސަންގައި ބުނެފައި ވަނީ ކުރިން ބާކްލޭސް ބޭންކް އެފްރިކާގަ އާއި ބަހާމާސްގައި ހުންނަ ފަސްޓް ކެރިބިއަން ބޭންކް އިންޓަނޭޝަނަލް އާއި އާއި ބީއެމްއެލްގެ ސީއީއޯއަކަށް ހުންނެވި ޕީޓާއަކީ ބޭންކު ހިންގުމުގެ ދާއިރާގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ބޭފުޅެއް ކަމަށެވެ.
ބީސީބީގެ ޗެއާމަން ޖޭ މިޝަލް ކޮލިއާ ވިދާޅުވެފައި ވަނީ އެ ބޭންކުގެ ސީއީއޯގެ މަގާމާ ޕީޓާ ހަވާލުވުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށެވެ. އަދި ޕީޓާ ފަދަ ކުރިއެރުންތަކެއް ހޯދާފައިވާ ތަޖުރިބާކާރު ބޭފުޅަކު އެ ބޭންކުގެ ސީއީއޯގެ މަގާމާ ހަވާލުވުމުން ބޭންކަށް އިތުރުކުރިއެރުންތަކެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ފާއިތުވި ތިން އަހަރު ބީއެމްއެލްގެ ހިއްސާގެ ފައިދާ ބަހާފައި ނުވިނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު 527 މިލިއަން ރުފިޔާގެ ސާފު ފައިދާއިން 50 މިލިއަން ރުފިޔާ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ބަހަން ވަނީ ނިންމައިފަ އެވެ.