07 Aug 2013, 12:29
ޔުއެފާއިން ހޮވާ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުން ތެރިންގެ ގޮތުގައި ބާސެލޯނާގެ ލިއޮނެލް މެސީ، ރެއާލް މެޑްރިގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ބަޔާން މިއުނިކްގެ ފްރެންކް ރިބެރީގެ ނަން ޝޯޓްލިސްޓް ކޮށްފި އެވެ.
ޔުއެފާގެ މެންބަރު އެސޯސިއޭޝަންތަކުގެ ނޫސްވެރިން ވޯޓްލައިގެން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް އެންމެ ފުރަތަމަ ޝޯޓްލިސްޓް ކުރި 10 ކުޅުންތެރިންގެ ނަން، ތިން ކުޅުންތެރިންނަށް ތިރިކޮށް އަލުން އިއުލާން ކުރިއިރު، ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ރެއާލް މެޑްރިޑުން ބޮޑުއަގުގައި ގެންދަން މަސައްކަތްކުރާ ޓޮޓެންހަމްގެ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލްގެ ނަން ދިޔައީ ލިސްޓުގެ އަށްވަނައަށެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ލީގު ކާމިޔާބުކޮށްދިނުމަށްޓަކައި 26 ލަނޑު ކާމިޔާބުކޮށްދިން ހުނަރުވެރި ޑަޗް ފޯވަޑް ރޮބިން ވެންޕާސީގެ ނަން އޮތީ ލިސްޓުގެ ދިހަ ވަނައިގަ އެވެ.
މިހާރު ޝޯޓްލިސްޓް ކުރެވިފައިވާ ތިން ކުޅުންތެރިންގެ ތެރެއިން، ނޫސްވެރިން އެންމެ ގިނަ ވޯޓު ދީގެން ހޮވާ، ޔޫރަޕްގެ މޮޅުކުޅުންތެރިޔާގެ މަގާމް އިއުލާނު ކުރުން އޮންނާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.
މިފަހަރު ޔޫރަޕްގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމަށް ވާދަކުރި 10 ކުޅުންތެރިންގެ ތެރޭގައި ބަޔާންގެ އާރްޔަން ރޮބޭން، ބޮރޫޝިއާ ޑޯޓްމަންޑުގެ ރޮބާޓް ލެވަންޑޯސްކީ، ބަޔާންގެ ތޯމަށް މުލާ، ބާސްޓިއަން ޝްވެއިންސްޓެއިގާ، އަދި ޕީއެސްޖީގެ ޒްލަތާން އިބްރަހިމޮވިޗް ހިމެނެ އެވެ.
ޔޫރަޕްގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ހޯދީ ސްޕެއިންއަށް ޔޫރޯ 2012 ހޯދުމުގައި އެހީތެރިވެދިން ބާސެލޯނާގެ މިޑްފީލްޑަރު އަންދްރޭ އިނިއެސްޓާ އެވެ.