ނ. ވެލިދޫ ގެއެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި އެެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މިޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ރަށު "ހިޔާވަހި" ގޭގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

އެހާދިސާގައި ރޯވި ގެ ބަލާފާސް ކުރުމުގެ ތެރޭގައި އެގޭތެރެއިން ބަނގުރާ ކައްކަން ބޭނުންކުރާ ބައެއް ސާމާނު ފެނިފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކީ މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވެލިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ވަރަށް ރީއްޗަށް ހަދާފައި ހުންނަ އެ ގޭގައި ރޭ ފަތިހު 5 ޖަހާއެހާކަންހާއިރު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ފުލުހުންނާއި ސިފައިން އަދި އާއްމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 8:20ގައި ކަމަށެވެ.

ފަޅަށް ހުންނަ އެގޭގައި ރޯވި ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.