އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށް ވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރީ ކުރަން ހުޅުވާލި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވި ނަމަވެސް އެކި ސަބަބުތަކާ އެކު އިސްލާހު ކުރަން އަނބުރާ ފޮނުވާލި ފޯމްތައް އަލުން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް އެދި އަލަށް ފޯމް ހުށަހަޅާ ފަރާތްތަކަށް މިއަދަށް ފަހު އެއްވެސް ފުރުސަތެއް ނުދެވޭނެ ކަމަށެވެ. ނަމަވެސް މިއަދު ނިޔަލަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން އެކި ސަބަބުތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ފޮނުވާލާ ފޯމްތައް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށެވެ.

ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު އިތުރުކޮށްދިނުމަށް ބައެއް ފަރާތްތަކުން އެދިފައިވާ އިރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ އެކަމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ޖުލައި މަހުގެ އެއް ވަނަ ދުވަހު ހުޅުވާލި ފުރުސަތު އިތުރުކޮށްނުދެވޭނެ ކަމަށެވެ.