މެޗުގެ ފަހު ވަގުތުގައި އިބްރާހީމް ފުރްގާން ޖަހައިދިން ލަނޑާއެކު ފަހަތުން އަރައި 2-1 އިން ބީޖީ ސްޕޯޓްސް ބަލިކޮށް ކްލަބް އީގަލްސް ބީ52 އެފްއޭ ކަޕްގެ ސެމީފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފި އެވެ.

ރޭގެ މެޗުން މޮޅުވުމުން ސެމީ ފައިނަލްގައި އީގަލްސް ވާދަކުރަން ޖެހޭނީ، ވަރުގަދަ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ އެވެ. ސެމީފައިނަލްގެ އަނެއް މެޗުގައި ވާދަކުރާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ބީޖީއަށް ކުރި ހޯދައިދިނީ އެ ޓީމުގެ އައިވަރީ ކޯސްޓް ފޯވަޑް އޮސްމާނީ ކެދާރު އެވެ. މެޗުގެ އަށް ވަނަ މިނިޓުގައި އޭވައިއެލްގެ ޕެނަލްޓީ އޭރިޔާތެރެއިން އޮސްމާނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

ދެވަނަ ހާފް ފެށިގެން ދެ ޓީމުންވެސް ރަނގަޅު ކުޅުމެއް ދައްކަމުންގޮސް މެޗުގެ ނަތީޖާ އީގަލްސްއަށް ހަމަހަމަ ކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ފޯވަޑް އަހްމަދު އިމާޒު (އާއްކޮ) އެވެ. 81 ވަނަ މިނިޓުގައި ބީޖީގެ ޕެނަލްޓީއޭރިޔާ ތެރެއިން އާއްކޮއަށް ލިބުނު ބޯޅަ ބީޖީގެ ކީޕަރަށް އިތުރު ފުރުސަތެއް ނުދީ އާއްކޮ އަމާޒު ކޮށްލީ ގޯލްގެ ތިރީ ކަނަށެވެ.

އީގަލްސްއަށް ސެމީ ފައިނަލް ކަށަވަރުވެގެން ދިޔަ ލަނޑު ފުރްގާން ކާމިޔާބުކުރީ، ނަތީޖާ ހަމަހަމަވިތާ އަށް މިނިޓުފަހުން، މެޗު ނިމެންދަނިކޮށް ބީޖީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލްގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.

ބީ52 އެފްއޭ ކަޕްގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ، އަންނަ ސެޕްޓެމްބަރު މަހު ނޭޕާލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ.