07 Aug 2013, 10:52
ސްޓެމް ސެލް ބޭނުންކޮށްގެން ލެބޯޓަރީއެއްގައި ތައްޔާރުކޮށްފައިވާ ބަގާއެއްގެ ރަހަ ދައްކާލައިފި އެވެ.
އިނގިރޭސިވިލާތުގެ ލަންޑަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރަހަ ބަލާފައިވާ މިބާގާ އުފައްދާފައި ވަނީ ސްޓެމް ސެލް ޓެކްނޮލޮޖީގެ އެހީގައި ގެރިއެއްގެ ސެލްތައް ބޭނުންކޮށްގެން މަސް ފަށަލަތަކެއް އުފައްދައިގެން ނެވެ.
ނެދަލެންޑްސްގެ މާސްޓްރައިޓް ޔުނިވާސިޓީގައި ކުރިއަށް ދިޔަ ތަހުލީލުތަކަށް ފަހު އުފައްދާފައިވާ މިބާގާއަކީ ހަށިގަނޑަށް ގެއްލުން ލިބޭ ގިނަ ފެޓް ހިމެނޭ އަސްލު ގެރި މަހުގެ ބަދަލުގައި ބާގާއެއްގައި ގެއްލުން ލިބޭ އެއްވެސް މާއްދާއެއް ނެތް ސްޓެމް ސެލްގެ އެހީގައި އުފައްދާފައިވާ ބާގާއެއް ބޭނުންކުރެވިދާނެތޯ ބެލުމަށް ހަދާފައިވާ ދިރާސާއެކެވެ.
ނަން މަޝްހޫރު ކައްކާއެއް ކަމަށްވާ ޝެފް ރިޗާޑު މެކްގިއޯން ކެއްކި މިބާގާ ރަހަ ބަލާފައި ވަނީ ފުޑް ކުރިޓިކުން (ކާ އެއްޗެހީގެ ރަހަ ބަލާ، އެއަށް ފާޑުކިޔާ މީހުން) ކަމަށްވާ ހަނީ ރުއެޒްލާ އަދި ޖޯޝް ޝޯންވޯލްޑެވެ.
އޮސްޓްރިއާ ފުޑް ކުރިޓިކް ރުއެޒްލާ ބާގާ ރަހަ ބެލުމަށް ފަހު ބުނީ ބާގާގައި ހިމެނޭ މަސްގަނޑުގެ ރަހަ އަސްލު ގެރި މަހާ އެއްގޮތް ނަމަވެސް މަސްގަނޑު އެހާ ޖޫސީއެއް ނޫން ކަމަށެވެ.
"މަސްގަނޑު މަޑުވާނެ ކަމަށް ހީކުރީ. ވަރަށް ގަދަ ރަހައެއް ހުރޭ. އަސްލު ގެރި މަހާ ވަރަށް އެއްގޮތް އެކަމު އެހާ ޖޫސީއެއް ނޫން" ރުއެޒްލާ ބުންޏެވެ.
ލެބޯޓަރީގައި އުފައްދާފައިވާ އެތައް ބިލިއަން ސެލްތަކެއް އެކުލެވޭ މިބާގާއަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް މިޕްރޮޖެކްޓުގެ ލީޑް ސައެންޓިސްޓް ޕްރޮފެސާ މާކް ޕޯސްޓް ވިދާޅުވެ އެވެ.
"ސްޓެމް ސެލް" އަކީ ހަށިގަނޑުގައި ހުންނަ އެންމެ މުހިއްމު "މާސްޓާ ސެލް" ތަކެވެ.
ހަށިގަނޑުގެ މުހިއްމު ޓިޝޫތައް އުފެދިގެން އަންނަނީ މިސްޓެމް ސެލްތަކާ ހިސާބުން ނެވެ.
ސްޓެމް ސެލް ޓެކްނޮލޮޖީއަކީ ސްޓެމް ސެލް ބޭނުންކޮށްގެން އިންސާނުންގެ ހަށިގަނޑުގައި ހަލާކުވެފައި ހުންނަ މަސްތައް ނުވަތަ ގުނަވަންތައް ލެބޯޓަރީއެއްގައި އުފެއްދުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮޖީގެ އެހީގައި މިހާތަނަށް މީދާ ބޭނުންކޮށްގެން ގިނަ ތަހުލީލުތަކެއް ކާމިޔާބުކަމާއެކު ވަނީ ކުރެވިފަ އެވެ.
ޕްރޮފެސާ މާކު ޕޯސްޓް ސްޓެމް ސެލް ބޭނުންކުރަމުން އަންނަނީ ކެއުމުގެ ބޭނުންތަކަށް މަސް އުފެއްދުމަށެވެ.
މިފަދަ މަސްގަނޑެއް އުފެއްދުމުގެ ފުރަތަމަ މަރުހަލާގައި ގެރީގެ ސްޓެމް ސެލްސް ނެގުމަށް ފަހު ނިއުޓްރިއެންޓްސް އަދި ގުރޮތު ޕްރޮމޯޓިންގް ކެމިކަލްގެ އެހީގައި ސެލްތައް އާލާކުރެ އެވެ. ތިން ހަފުތާ ވަންދެން މިޕްރޮސެސް ކުރިއަށްދާއިރު އެތައް ބިލިއަން ސެލްތަކެއް އާލާ ވެގެންދެ އެވެ. އޭގެ ފަހުން މިސެލްތައް ގުޅުވައިގެން މަސް ފަށަލަތަކެއް އުފައްދަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ލެބޯޓަރީއެއްގައި ގެރި މަސް އުފެއްދުމަކީ ގެރިއެއް ބޮޑުކޮށް ކަތިލައިގެން މަސް ހޯދުމަށް ވުރެ ތިމާވެއްޓާ ރައްޓެހި، ހަކަތަ ބޭނުންކުރާ މިންވަރު މަދު އަދި ޖައްވަން ބޭރުވާ ވިހަ ގޭހުގެ އަދަދު މަދުކުރެވިދާނެ ޓެކްނޮލޮޖީއެކެވެ.
މިގޮތައް އުފައްދާ ބާގާ ބާޒާރަށް ނެރެވޭނެ ދުވަހަކާ މެދު ސުވާލުކުރުމުން ޕްރޮފެސާ ޕޯސްޓް ވިދާޅުވީ މިއީ ކުރެވިދާނެ ކަމެއް ކަން ދެއްކުމުގެ ގޮތުން ނިންމި ތަހުލީލުތަކެއް ކަމަށާއި މިފަދަ މަސް ބާޒާރުން އެހާ އަވަހަށް ފެނިގެންނުދާނެ ކަމަށެވެ.