07 Aug 2013, 10:27
ނިއުދިއްލީ (އޮގަސްޓް 7): އިންޑިޔާއާއި ޕާކިސްތާން ޙިއްސާކުރާ ކަޝްމީރުގެ ސަރަހައްދީ ރޮނގުގެ ކައިރީގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިޔާ ސިފައިންގެ ބަޔަކަށް ޙަމަލާދީ އޭގެތެރެއިން ހަ މީހަކު މަރާލުމުން އެއީ ޕާކިސްތާނުގެ ޢަމަލެއް ކަމަށް އިންޑިޔާ އިން ކުރިތުހުމަތުތައް އަނބުރައި ގެންގޮސްފި އެވެ.
މިކަމާބެހޭ ގޮތުން މަޢްލޫމާތު ދެއްވަމުން އިންޑިޔާގެ ދިފާޢީ ވަޒީރު އޭކޭ އެންތަނީ ވިދާޅުވީ މި ހަ މީހުން މަރާލުމުގެ ޖަރީމާ ހިންގީ ހަތިޔާރު އަޅައިގެންތިބި ޓެރަރިސްޓުންގެ ބައެއްކަމުގަ އެވެ. އަދި އެބައިމީހުން ތިބީ ޕާކިސްތާން ސިފައިންގެ ޔުނީފޯމްގައި ކަން ފަހުން ޔަގީންވެފައިވާ ކަމަށާއި ޓެރަރިސްޓުންކަމަށް އިންޑިޔާ ތުހުމަތުކުރާ މިބައިމީހުންގެ އަދަދަކީ ގާތްގަނޑަކަށް ވިއްސަކަށް މީހުން ކަމަށް ވެސް އެންތަނީ ވިދާޅުވި އެވެ. ނަމަވެސް އެއީ ކަޝްމީރުގެ މިނިވަންކަމަށްޓަކައި އިންޑިޔާއާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިންކަން ނުވަތަ ނޫންކަން އިންޑިޔާގެ ދިފާޢީ ވަޒީރު ހާމަކުރައްވާފައެއްނުވެ އެވެ.
އާންމު ގޮތެއްގައި ޓެރަރިސްޓުން ކަމަށް އިންޑިޔާ ސަރުކާރުންނާއި އެގައުމުގެ މަސްއޫލުވެރިން ސިފަކުރައްވަނީ ކަޝްމީރުގެ މިނިވަންކަމަށްޓަކައި އިންޑިޔާއާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނަށެވެ. ކަޝްމީރުގެ އިންޑިޔާގެ ފަޅީގެ ސަރަހައްދެއްކަމަށްވާ ޕޯންޗްގައި ފޯރިމަރަމުން ދިޔަ އިންޑިއާގެ އަސްކަރީ ފައުޖަކަށް ބަޑިން ހަމަލާ ދީ ހަ މީހަކު މަރާލީ އެ ސަރަހައްދަށް ވަން ޕާކިސްތާން ސިފައިންގެ ބަޔެއްކަމަށް ކުރިން އިންޑިޔާ ބުނުމުން ޕާކިސްތާން ވަނީ މިކަމަށް އިންކާރުކޮށްފަ އެވެ. ޕާކިސްތާނުގެ ސިފައިންގެ ތަރްޖަމާނަކު ވިދާޅުވީ އިންޑިއާގެ ތުހުމަތުތަކަކީ އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އިންޑިޔާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޕާކިސްތާން ސިފައިން ޙަމަލާދީފައިނުވާނެ ކަމުގަ އެވެ.
މިޙަމަލާތައް ދިނީ ޕާކިސްތާން ކަމަށް ތުހުމަތުކޮށް އިންޑިޔާ އިން ވަނީ ނިއުދިއްލީގައި ހުންނަވާ ޕާކިސްތާނުގެ ހައކޮމިޝަނަރު އިންޑިޔާގެ ޚާރިޖީ ވުޒާރާ އަށް ޙާޒިރުކޮށް އޭނާއަށް އިޙްތިޖާޖްގެ ލިޔުމެއް ވެސް ޙަވާލުކޮށްފައި ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)