ނ. ވެލިދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެގެ އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.

ވެލިދޫގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ވަރަށް ރީއްޗަށް ހަދާފައި ހުންނަ "ހިޔާވަހި"ގޭގައި ރޯވެފައިވާ ކަމަށް ބެލެވެނީ ރޭ ފަތިހު 5 ޖަހާއެހާކަންހާ އިރު ކަމަށާއި އެގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެ ރަށުގައި ހަރަކާތްތެރިވާ ފުލުހުންނާއި އާއްމުން ގުޅިގެން ކަމަށް ވެސް ވެލިދޫ ކައުންސިލްގެ އިދާރާ އިން ބުންޏެވެ.

އެ ހާދިސާގައި އެއްްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ވެލިދިދޫ ކައުންސިލް އިދާރާގެ ރައީސް މުހައްމަދު އާދިލް މިއަދު ސަން އަށް ވިދާޅުވީ އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު އެ ހިސާބުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބިފައި ވަނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކަމަށާއި އޭރު އެގޭގައި ރޯވެފައިވާ އަލިފާންގަނޑު ހުޅުފަޅައިގެން ގޮސްފައި ހުރި ކަމަށެވެ.

"އެގެ ފަޅަށް ހުންނަތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ، މީގެ ގާތްގަނޑަަކަށް މަހެއްހާ ދުވަސް ކުރިން އެގޭގައި މިރަށުގެ އާއިލާއެއް ދިރިއުޅުނު، އެގޭގެ ވެރިފަރާތުން ދިރިއުޅެމުން އަންނަނީ މާލޭގައި، ނަމަވެސް އެގެ ފޮޅާ ސާފުކުރުމުގެ މަސައްކަތް މިރަށު ބަޔަކު ކުރަމުން ގެންދަނީ، ހާދިސާ ހިނގީ ކީއްވެ ކަމެއް އަދި ނޭނގޭ،" އާދިލް ވިދާޅުވި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެގޭގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފާއި އެރަށުގެ ރައްޔިތުންގެ ވެސް އެހީތެރިކަމާ އެކު މުޅިން ނިއްވާލެވުނީ ހެނދުނު 8:20 އެހާކަންހާއިރު ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭތީ ތުހުމަތު ކުރެވޭ ފަރާތްތަައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.