07 Aug 2013, 00:18
"ޔުނިޓީ ތްރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ގަލޮޅު ސިނަމާލެ ފްލެޓް ސަރަހައްދުގައި ހަދާފައިވާ ފުޓްސަލް ދަނޑު ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ރާއްޖޭގައި ހަތް ފުޓްސަލް ދަނޑު އެޅުމަށް އެސްޓީއޯއާއި ޔޫތު މިނިސްޓްރީއާއި އެމްއެންޑީއެފްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބިނާކުރި އެ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޔޫތު މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އެސްޓީއޯގެ ޗެއާމަންއާއި އެފްއޭއެމްގެ ރައީސްއާއި އަދި މަޖިލީހުގެ ބައެއް މެންބަރުންނާއި މާލޭ ސިޓީކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ކަންތައްތަކުގައި ސަރުކާރުން މަސައްކަތްކުރަންވީ ވަރަށް އަދިވެސް މަސައްކަތް ނުކުރެވޭ ކަމަށާއި ޒުވާނުންނަށް ކޮށްދޭންޖެހޭ އެފަދަ މަސައްކަތްކޮށްދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށެވެ.
"މިއީކީ ކޮންމެހެން ސަރުކާރުގެ މުއައްސަސާއަކުން، ނޫނީ ރައީސުލްޖުމްހޫރިއްޔާ، ނޫނީ ވަޒީރަކު، ހެޔޮފުޅުކަމުން ކޮށްދެއްވާ ކަމެއް ނޫން. މިއިން ކޮންމެ ކަމަކީ ވެސް ރައްޔިތުންގެ ހައްގެއް. ޒުވާނުންގެ ހައްގެއް ކުޅިވަރު ކުޅުމަކީ. ޒުވާނުންގެ ހައްގެއް، މުނިފޫހި ފިލުވުމަކީ. އެހެންވީމާ އެކަންކަމަށް މަގުފަހިކޮށްދިނުމަކީ އެއީ ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީސްމީހުންގެ ވާޖިބެއް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ކޮށްދޭން ޖެހޭ އެފަދަ މަސައްކަތްތައް ކުރުމަށް ސަރުކާރުގެ ބަޖެޓުން ކަމެއް ކުރެވެން ނެތްކަމުގައިވީ ނަމަވެސް އެހެންގޮތްގޮތް ހޯދައިގެން އެކަންކަން ކޮށްދޭން ޖެހޭނެ ކަމަށާއި އަދި އެކަންކަން ހިނގަމުންދަނީ ވެސް އެގޮތަށް ކަމަށެވެ.
ޑރ. ވަހީދުގެ ވާހަކަފުޅުގައި ސަރުކާރު ބައިވެރިވާ ކުންފުންޏަކުން އެ މަސައްކަތް ކުރުމުގައި ތަކެތި ފޯރުކޮށްދެއްވާފައިވާތީ އާއި އަދި އެ މަޝްރޫއުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވާފައި ވާތީ، އެސްޓީއޯ އަށާއި ޑިފެންސް މިނިސްޓްރީއަށާއި ޕޮލިސް ސާވިސްގެ އިތުރުން ޔޫތު މިނިސްޓްރީ އަށް ވަރަށް ބޮޑަށް ޝުކުރުއަދާ ކުރައްވާފައިވެ އެވެ.
"ޔުނިޓީ ތުރޫ ފުޓްސަލް" ޕްރޮގްރާމްގެ ދަށުން ގަލޮޅު ސިނަމާލެ ފްލެޓް ސަރަހައްދުގައި ބިނާކޮށްފައިވާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު އަހްމަދު ނާޒިމްއާއި ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ފާހަގަ ކުރެއްވި ގޮތުގައި، އެ ދެ މިނިސްޓްރީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ އެ މަޝްރޫއު ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދެވޭތީ އެކަމާ ވަރަށް ބޮޑަށް އުފާފުޅުކުރައްވާ ކަމަށާއި އެތަންތަން ވީހާ ވެސް ރަނގަޅަށް ބެލެހެއްޓުމަށް އެބޭފުޅުން، ޒުވާނުންނަށް އިލްތިމާސް ކުރެއްވި އެވެ.
އަދި އަވަސް މުސްތަގުބަލެއްގެ ތެރޭގައި ތިން ވަނަ ދަނޑުގެ މަސައްކަތް ވިލިމާލޭގައި ފައްޓަވާނޭ ކަމަށާއި ހަތަރު ވަނަ ދަނޑު މައްޗަންގޯޅިގައި ބިނާކުރުމުގެ އިތުރުން އަނެއް ތިން ދަނޑު އަތޮޅުތެރޭގައި ވެސް އަވަސް މުއްދަތެއްގެ ތެރޭގައި ބިނާކުރެވޭނޭ ކަމަށް އެ ދެ މިނިސްޓަރުން ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަތް ފުޓްސަލް ދަނޑެއް ބިނާކުރުމަށް ނިންމާފައިވާ އިރު ބައިނަލް އަގްވާމީ ފެންވަރަށް ހެދުނު ފުރަތަމަ ދަނޑު ހަދާފައި ވަނީ ހުޅުމާލޭގަ އެވެ. މިގޮތުން އެ ދަނޑު ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 9 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން އެވެ.