ޓީވީއެމް އިން މި ރަމަޟާން މަހު ގެނެސްދިން ގްރުއާން މުބާރާތް، "ރާއްޖޭގެ އެންމެ އަލިގަދަތަރި"ގެ މަގާމު ސ. ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ގްރުއާން ޓީޗަރު ހުސެއިން ޒާހިރު މިރޭ ހޯދައިފި އެވެ.

އެ މުބާރާތުން ހުސެއިން ޒާހިރު އެއްވަނަ ހޯދީ މުބާރާތުގައި ބައިވެރިވި 12 މީހަކާ ވާދަކޮށްގެންނެވެ. އޭނާ އަށް އެއްވަނަ ލިބުމާ ގުޅިގެން ވަނީ ރާއްޖޭގެ އެންމެ އަލިގަދަ ތަރީގެ ލަގަބް ޓީވީއެމް އިން ދީފަ އެވެ. އެ ލަގަބް ހުސެއިން އާ ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އެވެ.

ރާއްޖޭގެ އެންމެ އަލިގަދަތަރި ހޮވުމަށް ބޭއްވި މުބާރާތުން ދެވަނަ ޝަމީމް އަހުމަދު ފައިސަލް ހޯދި އިރު ތިން ވަނަ ލިބިފައި ވަނީ އަލްހާފިޒާ އައިމިނަތު ރީހާން ވަހީދަށެވެ.

މުބާރާތުގެ އެއްވަނަ ހޯދި ހުސެއިން އަށް ވަނީ ޓީވީއެމްއިން ދިން އެއްލައްކަ ރުފިޔާގެ އިތުރުން އަގު ބޮޑު ތަފާތު އިނާމްތަކެއް ވެސް ދީފައިވެ އެވެ. އެއްވަނަ ހޯދި ފަރާތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ހުށަހެޅި އަދަދު 250،000ރ. އާ ކައިރިކުރާ ކަމަށް ޓީވީއެމް އިން ބުންޏެވެ. އަދި ދެވަނަ ހޯދި ފަރާތަށް 75،000ރ. އާ ކައިރި ކުރާ އަދަދެއްގެ ފައިސާ ހުށަހެޅިފައިވާ ކަމަށް ވެސް ޓީވީއެމް އިން ބުންޏެވެ. މުބާރާތުން ތިންވަނަ އަށް ހުށަހެޅި ފައިސާގެ އަދަދު 50،000ރ.އާ ކައިރިކުރެ އެވެ.

ޓީވީއެމް އިން ބުނީ އެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލުމުން އޮޑިޝަންގައި 270 ފަރާތަކުން ބައިވެރިވި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 36 ބައިވެރިން ހޮވުމަށް ފަހު މުބާރާތުގައި ކިޔަވާފައި ވަނީ 12 ބައިވެރިންނެވެ.