ހަ މީހެއްގެ އެކައުންޓުން ވެރިފަރާތްތަކަށް ނޭނގި މި އަހަރުގެ މިހާތަނަށް 80،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފި އެވެ.

ޕޮލިސް ސާވިސްގެ ފްރޯޑް އެންޑް ފައިނެންޝަލް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޕޮލިސް ލައިފަށް މައުލޫމާތު ދެއްވަމުން އެ ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ އޭޓީއެމް މެދުވެރިކޮށް އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި އެފަރާތްތަކުގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާކަމަށް ފުލުހުންނަށް މައްސަލަތައް ހުށަހަޅަމުންދާ ކަމަށެވެ.

"އޭޓީއެމް މެދުވެރިކޮށް އެކައުންޓުގެ ވެރިފަރާތްތަކަށް ނޭނގި އެކައުންތަކުން ފައިސާ ނަގައިގެން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ހަ މީހެއްގެ އެކައުންޓުން 80،000 ހާހަށް ވުރެ ގިނަ ފައިސާ ނަގާފައިވާކަމަށް ފާހަގަކުރެވިފައިވޭ،" ސަތީހު ވިދާޅުވި އެވެ. "ފުލުހުން މިހާރު ވަނީ މިކަން ކުރާކަމަށް ތުހުމަތުކުރެވޭ 24 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައި. މިހާތަނަށް ބެލިބެލުމުން މިދެންނެވި ޒުވާނާ ހަތަރު މީހެއްގެ އެކައުންޓުން 40،000 ހާހަށް ވުރެ ގިނަ ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވޭ."

ސަތީހު ވިދާޅުވީ އޭޓީއެމްތައް ބޭނުންކޮށްގެން ވެރިފަރާތަށް ނޭނގި ވަގަށް ފައިސާ ނަގާކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ ޒުވާނާއަކީ ކުރިން ވެސް އެފަދަ މައްސަލައެއްގެ ރެކޯޑެއް އޮތް މީހެއް ކަމަށާއި އަދި މަސްތުވާތަކެތީގެ ރެކޯޑް ވެސް އޮތް މީހެއް ކަމަށެވެ.

"މި ޒުވާނާއަކީ އޭޓީއެމް ބަހައްޓަފައި ހުންނަ ބައެއް ތަންތަނަށް ވަދެ އެތަނުގައި ހުރެގެން އެ އޭޓީއެމްތަކުން ފައިސާ ނަގަން އަންނަ ފަރާތްތަކުގެ ޕިން ނަންބަރުތައް ބަލާ ނޯޓްކުރާކަމަށް ތުހުމަތުކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްކަންވެސް ފާހަގަކޮށްލަން. އަދި މީނާއަކީ މަސްތުވާތަކެތީގެ ރެކޯޑް ވެސް އޮތް މީހެއްކަން ފާހަގަ ކޮށްލަން،" ސަތީޙް ވިދާޅުވި އެވެ.

ސަތީހު ވިދާޅުވީ ހައްޔަރު ކުރެވިފައިވާ ޒުވާނާގެ މައްސަލައިގެ ތަހުގީގު ނިންމައި ވަރަށް އަވަސް ފުރުސަތެއްގައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ސަތީޙް ވިދާޅުވީ ކޭޝް ކާޑު ގެންގުޅުއްވާ ފަރާތްތަކުން ސަމާލުވާން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް އެބަހުރިކަމަށާއި އެގޮތުން ކޭޝް ކާޑު ގެންގުޅުއްވާ ފަރާތްތަކުން ކާޑުގެ ޕިން ނަންބަރަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭ ކަމަށާއި ކާޑު ޕިން ނަންބަރަކީ ކާޑުގެ ވެރިފަރާތް ނޫން އެހެން އެއްވެސް ފަރާތަކަށް އެނގިގެން ވާނެ އެއްޗެއް ނޫން ކަމަށެވެ.

އޭޓީއެމް ނުވަތަ ޕީއޯއެސްގައި ޕިން ނަންބަރު ޖަހާއިރު އެއްވެސް މީހަކަށް ނުފެންނާހެން ޕިން ނަންބަރު ޖެހުމަށް ސަމާލުކަން ދިނުމަށާއި އޭޓީއެމުން ފައިސާގެ މުއާމަލާތް ކުރުމަށް ފަހު އެ މުއާމަލާތް ނިންމާލެވުނުތޯ ޔަގީންކުރުމަކީ ވަރަށް ބޮޑަ ސަމާލުވާން ޖެހޭ ކަން ވެސް ސަތީޙް ފާހަގަކުރެއްވި އެވެ.

ފައިސާގެ މުއާމަލާތެއް މުޅިން ނިންމާނުލައި ގޮސްފި ނަމަ އެމީހާގެ ޕިން ނަންބަރު އެނގޭ މީހަކަށް ނުވަތަ ޕިން ނަންބަރު ޖަހާއިރު ބަލަން ހުންނަ މީހާއަށް އަލުން ޕިން ނަމްބަރު ޖަހައިގެން އެ އެކައުންޓުން ފައިސާ ނަގައި ނުވަތަ އެނޫންވެސް މުއާމަލާތެއް ކުރުމުގެ ފުރުސަތު ހުޅުންވިގެންދާ ކަމަށް ވިދާޅުވަމުން، އޭޓީއެމް ބޭނުންކުރާއިރު ގޮތް ނޭނގޭ މީހުންގެ އެހީތެރިކަން ނުހޯދުމަށް ވެސް ސަތީހުވަނީ އިލްތިމާސް ކުރައްވާފަ އެވެ.

ސަތީހު އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން ފިހާރަތަކާއި ރެސްޓޯރަންޓަކަށް ގޮސް ކާޑުން ބިލް ދައްކާއިރު ކާޑާއި ޕިން ނަންބަރާއެކު ހިދުމަތްދޭ ފަރާތާއި ހާލުކުރާކަން ފާހަގަކުރެވިފައިވާކަމަށާއި ކާޑު ގެންގުޅުއްވާ ގިނަ ފަރާތްތަކުން މިގޮތަށް އަމަލު ކުރަނީ އާންމު ގޮތެއްގައި ފަސޭހަކޮށްލުމުގެ ގޮތުންކަމަށް ފާހަގަކުރެވިފައިވާ އިރު އެ ކަމުގެ ނުރައްކާތެރިކަމާ ދޭތެރޭ އެއްވެސް ވަރަކަށް ވިސްނާ ނުލާކަމަށެވެ.