11 Nov 2010, 11:29
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި 10،000 ހައުސިން ޔުނިޓް ސަރުކާރުން އަޅާނަމަ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ދުވާލަކު ނުވަ ހައުސިން ޔުނިޓް އަޅަން ޖެހޭނެ ކަމަށް ޕީޕަލްސް އެލައަންސް (ޕީއޭ) އިން ބުނެފި އެވެ.
އެމްޑީޕީ ސަރުކާރަށް މިއަދަށް ދެ އަހަރު ދުވަސް ފުރުމާ ގުޅިގެން އެމްޑީޕީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގެ ލަނޑުދަނޑިތައް ހާސިލް ވެފައިވާ މިންވަރާ ގުޅޭ ގޮތުން ޕީއޭ އިން ނެރުނު "ޕީއޭގެ ނަޒަރުގައި ވޭތުވެ ދިޔަ ދެ އަހަރު ދިވެހި ސަރުކާރު" ކިޔާ ރިޕޯޓުގައި ބުނެފައިވާ ގޮތުން ވޭތުވެ ދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުންގެ މައިގަނޑު ފަސް ވައުދު ފުއްދުމަށް ވެސް ސަރުކާރު ވަނީ ފެއިލްވެފައި އެވެ.
އެ ރިޕޯޓު ބުނާ ގޮތުން 10،000 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، އެ ވައުދު ފުއްދުމަށް އެކަށައަޅަން ޖެހޭ ޤާނޫނުތައް ރައްޔިތުން މަޖިލީހަށް ހުށަހަޅާފައެއް ނުވެ އެވެ. އަދި ޓޫރިޒަމް ގާނޫނާއި ބިމާ ބެހޭ ގާނޫނާއި ސަރުކާރުގެ ގިނަ މޮޑެލްތައް ފުށޫއަރާ ކަމަށް ޕީއޭ އިން ބުނެ އެވެ.
ޕީއޭގެ ރިޕޯޓު ބުނާ ގޮތުން ދަތުރު ފަތުރުގެ ނިޒާމުގެ ހުރިހާ ކޮންޓެރެކްޓެއް ވެސް ކާމިޔާބުކޮށްފައި ވަނީ ސީދާ އެމްޑީޕީގެ ގްރާސްރޫޓު މެންބަރުންނާއި ރައީސް ނަޝީދުގެ އަރިސް އެކުވެރިން ހިއްސާވާ ކުންފުނި ތަކުންނެވެ. ސަރުކާރުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމަކީ އޭގެ ބޭނުން ހިފަމުން އަންނަ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ކުރާ ކަމެއް ކަމުގައި ވީ ނަމަވެސް ޖުމްލަ ގޮތެއްގައި ފެއިލް ވެފައިވާ ވިސްނުމެއް ކަމަށް ޕީއޭގެ ރި ޕޯޓު ބުނެ އެވެ.
ދިރި އުޅުމުގެ އަގުތައް އަތްފޯރާފަށަށް ގެނައުމުގެ ވައުދު ވެސް ފެއިލްވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ. މި ގޮތުން ދުނިޔޭގެ އިގްތިސާދީ ހީނަރު ކަމުގެ އަސަރު ރާއްޖެއަށް ކޮށްފައިވާ ދަނޑިވަޅެއްގައި އިމްޕޯޓު ޑިއުޓީ ކުޑަކޮށްފި ނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުން ދައުލަތުގެ އާމްދަނީ އަށް ވާނެކަން ސަރުކާރަށް އިހުސާސް ކުރެވުނު ކަމުގައިވި އަސް ޖުމްލަ ގޮތެއްގައި އިޤްތިސާދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ވާނެ ވިސްނާފައި ނުވާކަމަށް އެ ރިޕޯޓު ބުނެ އެވެ.
އަދި ސަރުކާރުން ތެލުގެ އަގު ހިފާއްޓާފައި ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު ތެލުގެ އަގު މައްޗަށް ދިޔައިރު ތެލުގެ އަގު ހިފޭއްޓިފައިވާ މިންވަރަށް ކަމަށް އެ ރިޕޯޓުގައިވެ އެވެ.
ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުން ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ އައިޖީއެމްއެޗް ޕްރައިވަޓައިޒް ކުރުމަށް ކަމަށާއި ނަމަވެސް އެކަން ވެސް ފެއިލްވެފައިވާ ކަމަށާއި، މިގޮތުން ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާ އަގުގައި އެކަށީގެންވާ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ކޯޕަރޭޝަން ހަދައިގެން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވީހާ ވެސް ގިނަބަޔަކު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުން ކަމަށް ޕީއޭގެ ރިޕޯޓު ބުނެ އެވެ.
މި ސަރުކާރުގެ އިސްވެރިން މަސްތުވާ ތަކެއްޗާމެދު ގެންގުޅޭ ވިސްނުމަކީ ވަރަށް ވެސް ނުރައްކާތެރި ވިސްނުމެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތަކަށް ވެފައި ވަނީ ހަމައެކަނި ބާރުގަދަ ޑުރަގުގެ ވާހަކަ ދެއްކުން ކަމަށް ޕީއޭ އިން ބުނެ އެވެ. މިގޮތުން ކެނަބީސް އާއި ރަލާއި ދެކޮޅަށް ސަރުކާރުން މާގިނަ ވާހަކަ ތަކެއް ނުދައްކާ ކަމަށާއި، އެފަދަ ތަކެތި ބޭނުންކުރާ މީހުންނާ މެދު ފުލުހުން މިހާރު އަމަލު ކުރަނީ ވަރަށް ލުއިކޮށްކަމަށް އެ ރި ޕޯޓުގައިވެ އެވެ. އަދި މިކަމުގައި އެމްޑީޕީގެ ސިޔާސަތު ކާމިޔާބު ނުވަނޭކަން ކަށަވަރު ކަމަށް ވެސް ޕީއޭ އިން ބުނެ އެވެ.
މަސްތުވާ ތަކެއްޗާ ގުޅުން ހުރި ހުރިހާ މިނިސްޓްރީ އެއް ހިމެނޭ ގޮތަށް ސަރުކާރުން ނާކޮޓިކްސް ކޮންޓްރޯލް ކައުން ސިލެއް އުފެއްދުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި އެ ޕާޓީއަށް ފާގަ ކުރެވުނު ކަމުގައި ވިއަސް އެ ކައުންސިލުންވެސް މިހާތަނަށް އެ ދެވިގެންވާ މަސައްކަތެއް ކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައިވެ އެވެ.