06 Aug 2013, 21:43
މިއަހަރުގެ ތިންވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ޓީމުތައް ބަވެރިވުމަށް ދީފައިވާ މުއްދަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިތުރުކޮށްފި އެވެ.
އެފްއޭއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ޓީމުތައް ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ގިނަ ކްލަބްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.
"ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 1 އޯގަސްޓް 2013ގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. ނަމަވެސް، މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވުމަށްފަހު ވެސް ގިނަ ކްލަބްތަކަކުން މުބާރާތުގައި ބައިވެރިވުމަށް މި އެސޯސިއޭޝަންގައި އެދެމުންދާތީ، އެ ފަރާތްތަކުގެ އެދުމުގެ މަތިން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް 2013ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށް، މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީހަކީ 7 އޯގަސްޓް 2013ވާ ބުދަ ދުވަހުގެ 13:00 ކަމުގައި ހަމަޖައްސައިފީމެވެ." އެފްއޭއެމްގެ ނޫސް ބަޔާނުގައިވެ އެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ، ތިންވަނަ ޑިވިޝަނުގައި ބައިވެރިވުމުގެ މުއްދަތު މިމަހުގެ އެކަކަށް ހަމަވިއިރު ޖުމްލަ 47 ޓީމަކުން މުބާރާތުގައި ބައިވެރިވުމަށް އެދިފައިވާ ކަމަށާއި އަދި އޭގެ ފަހުންވެސް ބައެއް ޓީމުތަކުން ފުރުސަތަށް އެދެމުންދާ ކަމަށެވެ.
މިދިޔަ އަހަރު ތިންވަނަ ޑިވިޝަންގައި 42 ޓީމް ވާދަކޮށްފައިވާ އިރު، އެންމެ ފަހުގެ ޗެމްޕިއަންކަން ހޯދި މަހިބަދޫ ސްޕޯޓްސް ވަނީ، މިއަހަރުގެ ދެވަނަ ޑިވިޝަންގެ ރަނަރަޕްކަން ހޯދުމަށްފަހު ދިވެހި ލީގު ކޮލިފިކޭޝަންގައި ވާދަކޮށް އަންނަ ސީޒަންގެ ދިވެހި ލީގަށް ކޮލިފައި ވެފަ އެވެ.