06 Aug 2013, 20:47
ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލްގައި 6 ވިކެޓުން ކޯސްޓްލައިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސޮނީ ހާޑްވެއާ ހޯދައިފި އެވެ.
ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ސޮނީ ހާޑްވެއާ ގަސްދުކުރީ ހޮވުމަށެވެ. ކޯސްޓްލައިން ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން ހެދުނީ 91 ލަނޑެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 29 ލަނޑުހެދި ތެހެރާން އެވެ.
ޖަވާބުގައި ސޮނީ ހާޑްވެއާ ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 92 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 35 ލަނޑުހެދި އިސާންއާއި މުހައްމަދު ޝިޔާމްއެވެ. ފައިނަލް މެޗްގައި އެންމެ ރަގަޅަށް އުކާފައިވަނީ 23 ލަނޑަށް ދެވިކެޓްނެގި އިސާން އެވެ.
ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗަށްފަހު، އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ އެކިއެކި މުބާރާތްތަކުގެ ވަނަތަކަށް އައި ފަރާތްތަކަށް އިނާމުތައް ބައްސަވައި ދެއްވީ ކްރިކެޓްބޯޑުގެ އެކްސްކޯ މެންބަރުންނެވެ.
އަލޯރާ ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަން ކަން ސޮނީ ހާޑްވެއާ ހޯދިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މުހައްމަދު ޝިޔާމް އެވެ. އަދި އެންމެ މޮޅު އުކުން ތެރިއަކަށް ހޮވުނީ ކޯސްޓްލައިންގެ ދެނޫކާ އެވެ.
އަލޯރާ އޯޕަން ޓޭޕް ބޯލް ޗެމްޕިއަން ކަން ހޮބީސްޓް ހޯދާފައިވާ އިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާލޭސް މެލޯގެ އަހްމަދު އަމީލް އެވެ. އަދި އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އާވާޒްގެ އާދަމް ޒަމީލް އެވެ.
އަލޯރާ އޮފީސް ޓޭޕް ބޯލް ޗެމްޕިއަން ކަސްޓަމް ރިކްރިއޭސަން ކްލަބް ހޯދާފައިވާއިރު އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އެ ކުލަބްގެ މުހަންމަދު އާމިރު އެވެ. އެންމެ މޮޅު އުކުންތެރިއަކަށް ހޮވުނީ އެމްއެމްއޭގެ މުހަންމަދު ސޮފްވާން ހަސަންއާއި ދިވެހި ސިފައިންގެ ކްލަބްގެ އަހްމަދު ތޮލްހަތު އެވެ.