ކާބޯ ވެޓަރަންސް ކަޕްގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) 4-1 އިން ބަލިކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ހޯދައިފި އެެވެ.

މިއަދު ހަވީރު އެފްއޭއެމްގެ އެއް ނަންބަރު ޓާފް ދަނޑުގައި ކުޅުނު މެޗުގައި ނިއު ކާމިޔާބު ކުރި ހަތަރު ލަޑުގެ ތެރެއިން ތިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުބާރާތުގައި އެންމެ ގިނައިން ލަނޑުޖެހި ކްލަބް ވެލެންސިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް މުހައްމަދު ނިޒާމް (ތޮއްޑޫ) އެވެ. އޭނާ ވަނީ، މިފަހަރުގެ މުބާރާތުގައި ޖުމްލަ 14 ލަނޑު ކާމިޔާބު ކޮށްފަ އެވެ. މިއަދުގެ މެޗުގައި ނިއުގެ އަނެއް ލަނޑު އެ ކްލަބަށް ކާމިޔާބުކޮށްދިނީ ވެލެންސިޔާގެ ކުރީގެ ފޯވަޑް އަހްމަދު ނަސީމް (އަންމަޑޭ) އެވެ.

މިއަދުގެ މެޗުގައި ސިފައިން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި ކާމިޔާބުކޮށް އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ އިބްރާހީމް ޝަކީބް އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް ނިއުގެ ތޮއްޑޫ ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިފައިންގެ ކުޅުން ވަރުގަދަކޮށް ފެނިގެން ދިޔަ ނަމަވެސް ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިގެން ނިއުއިން ހަމަލާތައް ވަރުގަދަކޮށް އިތުރު ތިން ލަނޑު ކާމިޔާބު ކުރީ ފަހުހާފުގަ އެވެ.

މުބާރާތުގެ ޓޮޕް ސްކޮރާގެ އިތުރުން ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، އަދި އެންމެ މޮޅު ފޯވަޑްގެ މަގާމުވެސް ހޯދީ ނިއުގެ ތޮއްޑޫ އެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ނިއުގެ މުހައްމަދު އިބްރާހީމް (ދޮންބެ) އެވެ. މުބާރާތުގެ 50 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އޭވައިއެލްގެ ކީޕަރު އިބްރާހިމް ސަލީމް (މެޓާ) އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ސިފައިންގެ އަހުމަދު ފިރާގު ހޮވުނުއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ސިފައިންގެ ކްލަބެވެ.

ވެޓަރަންސް ކަޕްގެ އެންމެ ފަހުން މިދިޔަ ތިންއަހަރުގެ ޗެމްޕިއަން ވެލެންސިޔާއާއި ރަނަރަޕް ވިކްޓަރީ މިފަހަރުގެ މުބާރާތުގައި ވާދަ ނުކުރާއިރު އެ ތައްޓަކީ ނިއު މިހާތަނަށް ރާއްޖޭގައި ވާދަކުރި މުބާރާތް ތަކުގެ ތެރެއިން އެ ކްލަބަށް ހަމަ އެކަނި ކާމިޔާބު ނުކުރެވި އޮތް ތައްޓެވެ.

މުބާރާތުގެ ތަށި ނިއުއާ ހަވާލުކޮށްދެއްވީ، އެފްއޭއެމްގެ ކުރީގެ ޗެއާމަން ކާމިނީޕޫލް އަބްދުއްޝުކޫރެވެ. ތައްޓާ ހަވާލުވީ ނިއުގެ ކުރީގެ ތިން ކެޕްޓަނުން ކަމަށްވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި މޫސާމަނިކު (ކުޑަމޫސަ) އަދި އަހުމަދު އިރުފާން އެވެ.