06 Aug 2013, 17:13
ގްރޫޕް ހަދައިގެން އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ މ. ހީރޯ މުހައްމަދު އުބައިދު އިބްރާހީމް އާއި ގއ. ދެއްވަދޫ ކަރަންކާގޭ ތަރަފް އަބްދުއްސަމަދުގެ އިތުރުން އދ. މާމިގިލީ ސެރެޓަން ޖައިލަމް މުހައްމަދުގެ މައްޗަށެވެ.
އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
އެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު 2:40 އެހައިކަންހާއިރު މާލޭގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްލި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އެ އެންމެން ވެސް ވަނީ ދައުވާ އަށް އިންކާރުކޮށްފަ އެވެ.
އެ މީހުންގެ ތެރެއިން އުބައިދު އާއި ޖައިލަމް ވަނީ ވަކީލަކު ހަމަޖައްސާފަ އެވެ. ނަމަވެސް ތަރަފް ވަކީލަކު ހަމަޖައްސާފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ގަޒީ ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް ތަރަފް އަށް ފުރުސަތު ދިނުމަށް ފަހު އެވެ.
އެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
އެ މީހުންނާއި އެކު 16 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހޯދަމުން ދިޔަ މ. ހުރަނު މައުސޫމް އައްބާސް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ބައި ކިލޯގެ މަސްތުވާތަކެއްޗާ އެކު އޭނާ ދިރިއުޅޭ ކޮޓަރިތެރެއިން ނެވެ.